ފަތުރުވެރިކަން ރާއްޖޭގައި ތަރައްޤީވެފައިނުވާ ސަރަޙައްދުތަކަށް ފަތުރުވެރިކަން ތަރައްޤީކުރުމަށްޓަކައި އިންވެސްޓަރުން ޝައުގުވެރިވާނެފަދަ ގޮތަކަށް ކަންކަން ބައްޓަންކުރުމުގެ މަސައްކަތް ސަރުކާރުން ކުރައްވަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި ގޮތުގައި ހއ. އަތޮޅާއި، ހދ. އަތޮޅާއި، ށ. އަތޮޅާއި، ތ. އަތޮޅު އަދި ލ. އަތޮޅާއި އައްޑު ސިޓީގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް އިންވެސްޓަރުން ހޯދުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރިއަށެވެ. މި މަސައްކަތުގައި އިންވެސްޓަރުންނަށް ސަރުކާރުގެ ފަރާތުން ދެވެން ހުރި އެކިއެކި ލުއިތަކާއި ޢިނާޔަތްތައް ދިނުމަށްވެސް ވަނީ ރޭވިފައެވެ.
ރައީސް މުޢިއްޒުގެ މެނިފެސްޓޯގައި އަދި މިއަހަރުގެ ރިޔާސީ ބަޔާނުގައިވެސް ފަތުރުވެރިކަން ނެތް ސަރަޙައްދުތަކުގައި ފަތުރުވެރިކަން ތަރައްޤީކޮށް، އޭގެ މަންފާ އެ ސަރަޙައްދުތަކުގެ ރައްޔިތުންނަށް ލިބޭނެ ގޮތް ހެދުމަކީ ސަރުކާރުގެ އަމާޒެއްކަން ފާހަގަކުރައްވާފައިވެއެވެ.
މި މަޝްރޫޢުގެ ދަށުން، އެ ސަރަޙައްދުތަކުގައި ފަތުރުވެރިކަން ގެނައުމަށް ބޭނުންވާ ޢުމްރާނީ ތަރައްޤީގެ މަސައްކަތްތަކާއި، އިންވެސްޓަރުން ޝައުގުވެރިކުރުވުމަށް އަމާޒުކޮށްގެން ޚާއްޞަ މާކެޓިންގ އުކުޅުތައް ބޭނުންކުރުމަށް ވަނީ ރޭވިފައެވެ.
ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ތަރައްޤީވަމުންދާ އެއަރޕޯޓުތަކާއި، އެތެރޭގެ އުދުހުންތަކުގެ ޚިދުމަތް ފުޅާވެފައިވާ މި ދަނޑިވަޅަކީ ރާއްޖޭގެ ފަތުރުވެރިކަން އައު ހަރުފަތަކަށް ގެންދިއުމަށް އެންމެ މުނާސަބު ވަގުތުކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. އަދި މި މަޝްރޫޢުތަކާ ގުޅޭ އިތުރު މަޢުލޫމާތު އަންނަ ހަފްތާގައި ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ހާމަކުރައްވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
މީގެއިތުރުން، ރާއްޖޭގެ ޤައުމީ އެއަރލައިން މެދުވެރިކޮށް އެހެން ބައްރުތަކުން ފަތުރުވެރިން ރާއްޖެއަށް ގެނައުމަށް ވައިޑް ބޮޑީ އެއަރކްރާފްޓް ބޭނުންކުރަން ފަށާފައިވާއިރު، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ މަސައްކަތްވެސް އަވަސް ސްޕީޑެއްގައި ކުރިއަށްދާކަން ފާހަގަކުރެވެއެވެ.