ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، މިއަދު މިލަދުންމަޑުލު ދެކުނުބުރީގައި މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވާ ހަތަރު ދުވަހުގެ ދަތުރުފުޅެއްގައި ފުރާވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މަޢުލޫމާތު ދެއްވިގޮތުގައި މި ދަތުރުފުޅުގައި ރައީސް މުޢިއްޒު، ނ. އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށަކަށް ޒިޔާރަތްކުރައްވާނެއެވެ. މި ދަތުރުފުޅުގައި ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެއެވެ.
މި ދަތުރުފުޅުގައި ރައީސް ވަޑައިގަންނަވާ ރަށްތަކުގެ ތެރޭގައި ހެނބަދޫ، ހޮޅުދޫ، ޅޮހި، ކުޑަފަރި، ކެނދިކުޅުދޫ، ވެލިދޫ، މަނަދޫ، މަގޫދޫ، މާޅެންދޫ، މާފަރު، މިލަދޫ، ފޮއްދޫ އަދި ލަންދޫ ހިމެނެއެވެ. އަދި މި ރަށްތަކުގައި ސަރުކާރުން ކުރިއަށްގެންދަވާ ތަރައްޤީގެ މަޝްރޫޢުތައް ފައްޓަވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ.
އެގޮތުން ބައެއް ރަށްރަށުގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތަކާއި ޕޮލިސް ޕޯސްޓްތައް ގާއިމުކުރުމުގެ މަސައްކަތް ފައްޓަވައިދެއްވުމުގެ އިތުރުން، ސްކޫލްތަކާއި ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުގެ ކުރިއެރުމަށް ސަރުކާރުން ރާއްވަވާފައިވާ ބައެއް މަސައްކަތްތައްވެސް ފައްޓަވައިދެއްވާނެއެވެ.
މި ދަތުރުފުޅަކީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށް ރައީސް މުޢިއްޒު ކުރައްވަމުންގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ. ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގަންނަވާނީ މި ހަފުތާގެ ބުރާސްފަތި ދުވަހުއެވެ.