މަތީ ފަންތީގެ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިނގިރޭސިވިލާތަށް ވަޑައިގެންފި

މަތީ ފަންތީގެ ބައްދަލުކުރެއްވުންތަކާއި ހަރަކާތްތަކެއްގައި ބައިވެރިވެވަޑައިގަތުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އިއްޔެ އިނގިރޭސިވިލާތަށް ވަޑައިގެންފިއެވެ. އެމަނިކުފާނު ލަންޑަނަށް ވަޑައިގެންނެވުމުން އިނގިރޭސިވިލާތުގެ ރަސްގެފާނުގެ ޚާއްސަ މަންދޫބާއި އިސް ވެރިން ވަނީ މަރުޙަބާ ދަންނަވާފައެވެ.

އެމަނިކުފާނަށް މަރުޙަބާ ދެންނެވި ފަރާތްތަކުގެ ތެރޭގައި ރަސްގެފާނުގެ ޚާއްސަ މަންދޫބު ޑެޕިއުޓީ ލުޓެނެންޓް އޮފް ގްރޭޓަރ ލަންޑަން، މޭޖަރ ޖެރެމީ ފަރން ޓީ.ޑީ އާއި ސެކްރެޓަރީ އޮފް ސްޓޭޓް ފޯރ ފޮރިން، ކޮމަންވެލްތު އެންޑް ޑެވެލޮޕްމަންޓް އެފެއަރސްގެ ޚާއްސަ މަންދޫބު ގޯޑަން ވެދެރަލް ސީއެމްޖީ ހިމެނިވަޑައިގަންނަވައެވެ. މީގެއިތުރުން، އިނގިރޭސިވިލާތުން ރާއްޖެއާއި އަޔަރލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއި ދިވެހިރާއްޖޭން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިރުތިޝާމް އާދަމްވެސް ވަނީ މަރުޙަބާ ދަންނަވާފައެވެ.

މި ދަތުރުފުޅުގައި ރައީސް މުޢިއްޒު ބައިވެރިވެވަޑައިގަންނަވާ ބައްދަލުވުންތަކުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭ މުހިންމު މަޝްވަރާތަކެއް ކުރިއަށްދާނެއެވެ. މި މަޝްވަރާތަކުގައި ސަރުކާރު ހިންގުމާއި، މޫސުމީ އަދި ތިމާވެއްޓާ ގުޅުންހުރި މައްސަލަތަކުގެ އިތުރުން ވިޔަފާރި، ވުނަކުރުން އަދި ތަޢުލީމީ ދާއިރާގައި އެއްބާރުލުން އިތުރުކުރުމާ ގުޅޭ ކަންކަން ހިމެނެއެވެ. އަދި ލަންޑަންގައި ބޭއްވޭ ބިޒްނަސް ފޯރަމެއްގައިވެސް އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފާހަގަކުރައްވާފައިވާ ގޮތުގައި މި ދަތުރުފުޅަކީ ދެ ޤައުމުގެ ދެމެދުގައި އޮންނަ އިޙުތިރާމާއި އިތުބާރުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަގުފަހިވެގެންދާނެ ދަތުރުފުޅެކެވެ. ޚާއްޞަކޮށް މި އަހަރަކީ ދެ ޤައުމުގެ ޚާރިޖީ ގުޅުން ޤާއިމުކުރި ތާ 60 އަހަރު ފުރޭ އަހަރުކަމުން، މި ދަތުރުފުޅުގެ މުހިންމުކަން އިތުރުވެގެންދެއެވެ.

ދިވެހިރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު ރަސްމީ ސިފައެއްގައި ޚާރިޖީ ގުޅުން ޤާއިމުކޮށްފައިވަނީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ. ރައީސް މުޢިއްޒުގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ރާއްޖޭގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ