މިއަދު ހެނދުނު ޖުމްހޫރީ މައިދާނުގައި ބޭއްވުނު މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަނލުން ބައިވެރިވެވަޑައިގެންނެވިއެވެ.
ހެނދުނު 6:00 ގައި ފެށުނު މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަނލުންގެ އިތުރުން، ވަޒީރުންނާއި ދައުލަތުގެ އިސްވެރިންނާއި، ދައުލަތަށް ގިނަ ދުވަހު ޚިދުމަތްކުރައްވާފައިވާ ބޭފުޅުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަދި ސްކޫލް މަދަރުސާތަކުގެ ދަރިވަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
ދިދަ ނެގުމަށްފަހު ޚާއްސަ ދުޢާއެއް ކުރެވުނު މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ވަޑައިގެންނެވި އެންމެހާ ފަރާތްތަކާއެކު މިނިވަން ދުވަހުގެ ސަލާމް ބަދަލުކުރައްވާފައެވެ. މި ރަސްމިއްޔާތު ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ސަރުކާރުގެ އެންމެ އިސް އިދާރާތަކުގައާއި، ބޭރު ޤައުމުތަކުގައި ހުރި ދިވެހި އެމްބަސީތަކުގައިވެސް ބޭއްވިފައެވެ.
މިނިވަން ދުވަހުގެ ރަސްމީ ހަރަކާތްތައް މި ދިދަ ނެގުމުގެ ރަސްމިއްޔާތުން ފެށިފައިވާއިރު، މިއަދު ހަވީރު ޖުމްހޫރީ މައިދާން ސަރަހައްދުގައި ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތަކާއި ސްކޫލް ކުދިންގެ ސަގާފީ އައިޓަމްތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ކޮންމެ އަހަރެއްގެ ޖުލައި 26 ވަނަ ދުވަހު ފާހަގަކުރާ މިނިވަން ދުވަހަކީ، އިނގިރޭސީންގެ ޙިމާޔަތުން ދިވެހިރާއްޖެއަށް މިނިވަންކަން ލިބުނު ދުވަސް ފާހަގަކުރުމުގެ ގޮތުން ފާހަގަކުރާ ދުވަހެކެވެ.