ކޮޕާ އެމެރިކާގައި ރޭ ކުޅުނު ގްރޫޕް ސްޓޭޖްގެ ފަހު މެޗުން ގަތަރު އަތުން މޮޅުވެ އާޖެންޓީނާ ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.
ރޭގެ މެޗަށް އާޖެންޓީނާ ނިކުތްއިރު ހުރިހާ ޕްރެޝަރެއް އޮތީ އާޖެންޓީނާއަށެވެ. ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއާއެކު މުބާރާތް ކުޅެމުން އަންނަ އާޖެންޓީނާއަށް ކުރިން ކުޅުނު ދެމެޗުންވެސް މޮޅެއް ލިބޭގޮތްވަނީ ނުވެފައެވެ. އެހެންކަމުން މުބާރާތުގައި އިތުރަށް ކުރިއަށްދާން ރޭގެ މެޗުން ކޮންމެހެން މޮޅުވާން އާޖެންޓީނާ އޮތީ ޖެހިފައެވެ.
ރޭގެ މެޗު އާޖެންޓީނާ ކާމިޔާބުކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ. މިމޮޅާއެކު އާޖެންޓީނާ ކުއާޓާ ފައިނަލަށް ދަތުރުކުރީ ގްރޫޕް ބީ ގެ ދެވަނަ ޓީމުގެ ގޮތުގައެވެ.
މޮޅެއް ބޭނުންވެފައި އޮތް އާޖެންޓީނާ ރޭގެ މެޗުން ލީޑު ނަގާކަށް މާގިނައިރުތަކެއް ނުނެގިއެވެ. ގަތަރު ޑިފެންސްލައިނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، މެޗުގެ 4 ވަނަ މިނަޓްގައި މާޓިނޭޒް ކާމިޔާބުކޮށްދިން ލަނޑާއެކު އާޖެންޓީނާއަށް ހަމަޖެހިލެވޭވަރުވިއެވެ.

އާޖެންޓީނާގެ ދެވަނަ ލަނޑު މެޗުގެ 82 ވަނަ މިނަޓްގައެވެ. އަގުއޭރޯގެ މިލަނޑަކީ ގަތަރު ހާފު މެދަކާ ހިސާބުން ލިބުނު ބޯޅައެއް ގަތަރު ޑިފެންޑަރުން ކަޓުވާލުމަށްފަހު އެކަނިމާއެކި އޭރިއާ ތެރެއަށްވަދެ ފޮނުވާލި ހަމަލާއަކުން ކާމިޔާބުކޮށްދިން ލަނޑެކެވެ.
އާޖެންޓީނާގެ އަގުއެރޯ އަދި މެސީގެ ފަރާތުން މޮޅު ކުޅުމެއް ރޭ މެޗުގައިވަނީ ފެނިގެން ގޮސްފައެވެ. އަދި މެޗުގައި އިތުރަށް ލަނޑު ޖަހާނެ ފުރުޞަތުތައްވެސް މިދެކުޅުންތެރިންނަށް ލިބިފައިވާކަން ފާހަގަކޮށްލެވެއެވެ.

މިއަދަކީ މެސީގެ 32 ވަނަ އުފަންދުވަސްކަމުން ރޭގެ މެޗުން މެސީގެ ފަރާތުން ލަނޑެއް ފެނުނުނަމަ މިދުވަސް އިތުރަށް ފުރިހަމަވެގެން ދިޔައީހެވެ.
ކުއާޓާ ފައިނަލްގައި އާޖެންޓީނާ ބައްދަލުކުރަން ޖެހޭނީ ވެނެޒުއޭލާއާއެވެ. އެމެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުގެ ރޭ ރާއްޖެ ގަޑިން 12:00 ގައެވެ.



