ކްރިމިނަލް ކޯޓާއި ޑްްރަގް ކޯޓުގެ އައު ޢިމާރާތުގެ މަސައްކަތް މިމަހު ނިމޭނެ ކަމަށް އެޗްޑީސީއިން ބުނެފި

ހުޅުމާލޭގައި އަޅަމުންދާ ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓުގެ އައު އިމާރާތުގެ މަސައްކަތް މިމަހު ނިމޭނެކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ވަނީ ހާމަކޮށްފައެވެ.

އެޗްޑީސީން ޕީއެސްއެމް ނިއުސްއަށް ދެއްވި މަޢުލޫމާތުގައި، މިވަގުތު ކުރިއަށްދަނީ އިމާރާތުގެ އެންމެ ފަހުގެ މަސައްކަތްތައް ކަމަށް ބުނެފައިވެއެވެ. މި އިމާރާތް އެޅުމުގެ މައިގަނޑު މަޤްޞަދަކީ މި ދެ ކޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމެވެ.

މި މަޝްރޫޢުގެ މުހިންމުކަން ފާހަގަކޮށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިމާރާތަށް ޒިޔާރަތްކުރައްވައި، މަސައްކަތް އަވަސްކުރެއްވުމަށް އިރުޝާދު ދެއްވާފައެވެ.

މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ދިވެހިރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ މައްސަލަތަކުގެ އަޑުއެހުންތައް ލަސްވެ، ޙުކުމަކާ ހަމައަށް ވާޞިލުނުވެ ދިގުލައިގެން ދިއުންކަމުގައި ފާހަގަކުރައްވާފައެވެ.

ކޯޓުތަކުގެ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން، ހުޅުމާލޭގައި ސުޕީރިއަރ ކޯޓު ކޮމްޕްލެކްސްއެއް އެޅުމުގެ މަސައްކަތްވެސް މިއަހަރު ތެރޭގައި ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިޢުލާނުކުރައްވާފައެވެ. މި ކޯޓު ކޮމްޕްލެކްސް އެޅުމަށްވެސް ހަމަޖެހިފައިވަނީ ހުޅުމާލޭގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ