މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ޤަވައިދާ ޚިލާފަށް އުޅުނު 7600 އަށް ވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްލާފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ހާމަކުރައްވައިފިއެވެ. މިއީ 2023 ވަނަ އަހަރުގެ ނޮވެމްބަރު 17 އިން ފެށިގެން ޖޫން މަހުގެ ނިޔަލަށް ޑީޕޯޓްކޮށްލެވުނު އަދަދެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ޕީއެސްއެމް ނިއުސްއަށް ދެއްވި މަޢުލޫމާތުގައި ވިދާޅުވި ގޮތުގައި، ރާއްޖޭގައި ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި ސަރުކާރުން ދަނީ ވަށައިޖެހޭ ހައްލަކާ ދިމާއަށް މަސައްކަތްކުރަމުންނެވެ. އެގޮތުން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް އެކަނި 2022 މީހުން ވަނީ އެމީހުންގެ ޤައުމަށް އަނބުރާ ފޮނުވާލާފައެވެ.
ޑީޕޯޓްކުރެވުނު ބިދޭސީންގެ ތެރޭގައި ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ވިޔަފާރިކުރާ މީހުންނާއި، ޑޮކިއުމަންޓްތައް ފުރިހަމަނުވާ މީހުން ގިނަ އަދަދަކަށް ހިމެނޭކަމަށް އިމިގްރޭޝަނުން ފާހަގަކުރައްވައެވެ. މި މައްސަލަ ހައްލުކުރުމަށް މާލެ ސަރަހައްދުގެ އިތުރުން އަތޮޅުތަކުގައިވެސް ޚާއްސަ ރެއިޑްތައް ދަނީ ހިންގަމުންނެވެ.
އިމިގްރޭޝަނުން ވަނީ ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ރިޕޯޓްކުރުމަށް "އިމިގްރޭޝަން ވޮޗް" ގެ ނަމުގައި ޚާއްސަ އޮންލައިން ޕްލެޓްފޯމެއް ތަޢާރަފުކޮށްފައެވެ. އަދި މިފަދަ މައްސަލަތައް ފާހަގަވެއްޖެނަމަ އަވަހަށް ރިޕޯޓްކުރުމަށް އާންމުންނަށް އިލްތިމާސްކުރައްވާފައިވެއެވެ.
ސަރުކާރުން މި މައްސަލައަށް ދެއްވާ ޚާއްސަ އިސްކަމުގެ ދަށުން، މާލޭގައި ހިންގާ އޮޕަރޭޝަންތަކުގެ އިތުރުން މީހުން ދިރިއުޅޭ ރަށްރަށާއި، ރިސޯޓުތަކާއި، ސިނާއީ ރަށްތަކާއި އަދި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގައި ދިރިއުޅޭ ބިދޭސީންގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތްވެސް ކުރިއަށްދާކަން އިމިގްރޭޝަނުން ފާހަގަކުރައްވައެވެ.