ވީއައިއޭއަށް ޖެއްސި ބައިނަލްއަޤްވާމީ ފްލައިޓްތަކުގެ އަދަދު އިތުރުވެއްޖެ

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ޖައްސާފައިވާ ފްލައިޓްތަކުގެ އަދަދު %5.8 އިތުރުވެއްޖެއެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ ފުރަތަމަ 5 މަސްދުވަހު ވީއައިއޭއަށް ޖެއްސި ފްލައިޓްތަކުގެ އަދަދު 7،613 އަށް އަރާފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޖެއްސި 7،193 ފްލައިޓާ އަޅާބަލާއިރު އިތުރު އަދަދެކެވެ.

ޝެޑިއުލްކޮށްގެން ރާއްޖެއަށް އައި ފްލައިޓްތަކުގެ އަދަދު ވަނީ %6.7 އިތުރުވެފައެވެ. މިގޮތުން މިދިޔަ އަހަރުގެ ފުރަތަމަ 5 މަސްދުވަހު 6،523 ފްލައިޓް ޖައްސާފައިވާއިރު، މިއަހަރުގެ މި މުއްދަތުގައި 6،961 ފްލައިޓް ވަނީ ޖައްސާފައެވެ. ނަމަވެސް ޗާޓަރ އަދި ޕްރައިވެޓް ޖެޓް ފަދަ ޖެނެރަލް ފްލައިޓް މޫވްމަންޓްސް ވަނީ 670 އިން 652 އަށް ދަށްވެފައެވެ.

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަކީ މި ސަރަހައްދުގައި ފާހަގަކޮށްލެވޭ ބާރު އެއަރޕޯޓެއްގެ ގޮތުގައި ހިމެނޭއިރު، ބައިނަލްއަޤްވާމީ ގިނަ އެއަރލައިންތަކުން ދަނީ ޝެޑިއުލް ދަތުރުތައް އިތުރުކުރަމުންނެވެ. އަދި މިއަހަރުގެ ތެރޭގައިވެސް އައު އެއަރލައިންތަކަކުން ވަނީ ރާއްޖެއަށް ދަތުރުތައް ފަށާފައެވެ.

ސަރުކާރުން މި މަހުގެ 26 ވަނަ ދުވަހު ހުޅުވުމަށް ތައްޔާރުވަމުންދާ ވީއައިއޭގެ އައު ޕެސެންޖަރ ޓާމިނަލަކީ އަހަރަކު 7 މިލިއަން ފަތުރުވެރިންނަށް ޚިދުމަތްދެވޭ ފެންވަރުގެ ޒަމާނީ ޓާމިނަލެކެވެ. މި ޓާމިނަލް ހުޅުވުމާއެކު އިތުރު އެއަރލައިންތަކަކުން ރާއްޖެއަށް ދަތުރުތައް ފަށައި، މިހާރު ދަތުރުކުރާ އެއަރލައިންތަކުން ދަތުރުތައް އިތުރުކުރާނެކަމަށް ބެލެވެއެވެ.

އައު ޓާމިނަލް ހުޅުވުމާއެކު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެ، ފަތުރުވެރިކަމުގެ ސިނާއަތަށް އިތުރު ކުރިއެރުންތަކެއް ލިބޭނެކަމަށް ލަފާކުރެވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ