މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، މިއަހަރުގެ މިހާތަނަށް ސްކޮލަރޝިޕް ސްކީމުގެ ދަށުން މަތީ ތަޢުލީމު ހާސިލްކުރާ ދަރިވަރުންނަށް 83 މިލިޔަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވެއެވެ.
އެ ވުޒާރާގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުން، މިއަހަރު މިހާތަނަށް 83.3 މިލިޔަން ރުފިޔާ ވަނީ 107 ދަރިވަރުންނަށް ދޫކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ 72 އަންހެން ދަރިވަރުންނާއި 35 ފިރިހެން ދަރިވަރުންނެވެ. އަދި މިއަހަރު މިހާތަނަށް 27 ދަރިވަރުން ވަނީ ސްކޮލަރޝިޕް ސްކީމުގެ ދަށުން މަތީ ތަޢުލީމު ފުރިހަމަކޮށްފައެވެ.
މި ސްކީމުގެ ދަށުން މިހާތަނަށް ޖުމްލަ 332 މިލިޔަން ރުފިޔާ ދޫކޮށްފައިވާއިރު، މިވަގުތު 305 ދަރިވަރުން ތަޢުލީމު ހާސިލުކުރަމުންދާކަމަށް އެ ވުޒާރާއިން ހާމަކޮށްފައިވެއެވެ. މީގެ ތެރޭގައި 207 އަންހެން ދަރިވަރުންނާއި 98 ފިރިހެން ދަރިވަރުން ހިމެނެއެވެ.
އަދި މި ސްކީމުގެ ދަށުން މިހާތަނަށް 131 ދަރިވަރުން ވަނީ މަތީ ތަޢުލީމު ފުރިހަމަކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ 75 އަންހެން ދަރިވަރުންނާއި 56 ފިރިހެން ދަރިވަރުންނެވެ.
މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމަކާ ގުޅިގެން، މަތީ ތަޢުލީމަށް ދޫކުރާ ލޯނުތައް "ޝަރީޢާ ކޮމްޕްލަޔަންޓް" ލޯނުތަކަކަށް ބަދަލުކުރުމަށް ނިންމާފައިވާކަމަށް މަތީ ތަޢުލީމާބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދު ވަނީ ހާމަކުރައްވާފައެވެ. މި ބަދަލާ ގުޅިގެން ލޯނުތަކަށް އިންޓްރެސްޓާއި އެޑްމިނިސްޓްރޭޓިވް ފީ ނުނެގުމަށް ވަނީ ނިންމާފައެވެ.



