މިއަހަރުގެ މިހާތަނަށް އޮޕަރޭޝަނަށް ގެނެސްފައިވާ ޓޫރިސްޓު ފެސިލިޓީތަކުގެ އަދަދު 1،227އަށް އަރާފައިވާކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން އާންމުކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ 2024ވަނަ އަހަރު ނިމުނުއިރު ހުރި 1،207 އާ އަޅާބަލާއިރު 1.7 އިންސައްތައިގެ އިތުރުވުމެކެވެ.
އޮޕަރޭޝަނަށް ގެނެސްފައިވާ ފެސިލިޓީތަކުގެ ތެރޭގައި 175 ރިސޯޓާއި، 877 ގެސްޓްހައުސްއާއި، 159 ސަފާރީ އުޅަނދާއި އަދި 16 ހޮޓާ ހިމެނެއެވެ. މި ފެސިލިޓީތަކުން ޖުމްލަ 64،373 އެނދު ފަތުރުވެރިކަމަށް ނެރެފައިވާއިރު، މީގެ ތެރެއިން 44،047 އެނދަކީ ރިސޯޓުތަކުގެ އެނދެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1،195،693 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 9.5 އިންސައްތައިގެ އިތުރުވުމެކެވެ. އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިން ކަމަށްވާއިރު، އެއީ 163،370 ފަތުރުވެރިންނެވެ.
ފަތުރުވެރިންގެ ތެރެއިން 72.8 އިންސައްތަ މީހުން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ. އަދި 22.3 އިންސައްތަ މީހުން ޗުއްޓީ ހޭދަކޮށްފައިވަނީ ގެސްޓްހައުސްތަކުގައެވެ. ހޮޓާތަކުގައި ޗުއްޓީ ހޭދަކޮށްފައިވަނީ 2.7 އިންސައްތަ ފަތުރުވެރިންނެވެ.
މިދިޔަ އަހަރު 2 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، މިއަހަރު ނިމުމުގެ ކުރިން 2.3 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށް ސަރުކާރުން އަމާޒު ހިފާފައިވެއެވެ. މި އަމާޒު ހާސިލްކުރުމަށް ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ތަރައްޤީކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.