ސްޓޫޑެންޓް ލޯނުގެ ގޮތުގައި މިއަހަރުގެ މިހާތަނަށް 982 މިލިޔަން ރުފިޔާ ދޫކޮށްފި

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން މިއަދު ހާމަކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިއަހަރުގެ މިހާތަނަށް ސްޓޫޑެންޓް ލޯނުގެ ގޮތުގައި ޖުމްލަ 982.7 މިލިޔަން ރުފިޔާ ދޫކޮށްފައިވެއެވެ.

މި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިހާތަނަށް 1،151 ދަރިވަރުންނަށް ލޯނު ދޫކޮށްފައިވާއިރު، މީގެ ތެރޭގައި 543 ފިރިހެން ދަރިވަރުންނާއި 608 އަންހެން ދަރިވަރުން ހިމެނެއެވެ. މި ދަރިވަރުންގެ ތެރެއިން 863 ދަރިވަރުން ވަނީ ކިޔެވުން ފުރިހަމަކޮށްފައެވެ.

މިއަހަރުގެ މިހާތަނަށް 274 ދަރިވަރުންނަށް އަލަށް ލޯނު ދޫކޮށްފައިވާއިރު، މީގެ ތެރޭގައި 112 ފިރިހެން ދަރިވަރުންނާއި 162 އަންހެން ދަރިވަރުން ހިމެނެއެވެ. އަދި މިއަހަރުގެ މިހާތަނަށް 281 ދަރިވަރަކު ވަނީ ކިޔަވާ ނިންމާފައެވެ.

ސްޓޫޑެންޓް ލޯނުގެ އިތުރުން، 2024 ވަނަ އަހަރުން ފެށިގެން މިއަހަރުގެ މިހާތަނަށް ފުރަތަމަ ޑިގްރީއަށް ކިޔެވުމަށް 4،214 ދަރިވަރަކަށް 242 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ވުޒާރާއިން ހާމަކުރިއެވެ. މީގެ ތެރެއިން މިއަހަރުގެ މިހާތަނަށް 1،329 ދަރިވަރަކަށް 92 މިލިޔަނަށްވުރެ ގިނަ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

ތަފާސްހިސާބުތަކުން އިތުރަށް ދައްކާ ގޮތުގައި، މިހާރު 1،642 ދަރިވަރުން މަތީ ތަޢުލީމު ހާސިލުކުރަމުން ދާއިރު، މީގެ ތެރޭގައި 664 ފިރިހެން ދަރިވަރުންނާއި 978 އަންހެން ދަރިވަރުން ހިމެނެއެވެ. އަދި ފުރަތަމަ ޑިގްރީއަށް ކިޔަވަމުންދާ ދަރިވަރުންގެ އަދަދު 8،360 އަށް އަރާއިރު، މިހާތަނަށް ޖުމްލަ 5،520 ދަރިވަރުން ވަނީ ދަސްވެނިވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ