މާލޭގެ ވަށައިގެން 19 ސަރަޙައްދެއްގައި މާދަމާ ރޭ ހަވާ އަރުވަނީ

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ޓާމިނަލް ހުޅުވުމުގެ މުނާސަބަތުގައި މާލޭގެ ވަށައިގެން 19 ސަރަޙައްދެއްގައި މާދަމާ ރޭ ހަވާ އަރުވާނެ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މިއަދު ހާމަކޮށްފިއެވެ.

އެމްއެންޑީއެފްއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި ހަވާ އަރުވާނީ މާލޭގެ ވަށައިގެން ކަނޑުގެ 16 ސަރަޙައްދަކާއި، ވައިގެބަނދަރު ކައިރިން 3 ސަރަޙައްދެއްގައެވެ. މި ހަވާ އެރުވުން ކުރިއަށްދާނީ މާދަމާ ރޭ 20:30 އިން ފެށިގެން 6 މިނިޓުގެ މުއްދަތަށެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ހަވާ އެރުވުމުގެ އިތުރުން ޑްރޯން ޝޯއެއް ވެސް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވަނީ ކުރިން އިޢުލާނުކޮށްފައެވެ.

ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާ ދިމާކޮށް މި މަހުގެ 26 ވަނަ ދުވަހު ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވާ އައު ޓާމިނަލަކީ ބައިނަލްއަޤްވާމީ އެންމެ މަތީ ފެންވަރުގެ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ތައްޔާރުކުރެވިފައިވާ ތަނެކެވެ.

އައު ޓާމިނަލުން އަހަރަކު 7 މިލިއަން ފަތުރުވެރިންނަށް ޚިދުމަތް ދެވޭނެ ކަމަށް އެމްއޭސީއެލްއިން ބުނެފައިވެއެވެ. މީގެ އިތުރުން، ކުރީގެ ޓާމިނަލަށް ވުރެ ތަނަވަސް އަދި އިތުރު ވިޔަފާރި ޖާގަތަކެއް މި ޓާމިނަލުގައި ހިމެނޭއިރު، މި ޓާމިނަލާ އެކު ދިވެހިރާއްޖޭގެ އިޤްތިޞާދަށް ވަންނަ އާމްދަނީ އެތައް ގުނައަކުން އިތުރުވެގެންދާނެ ކަމަށް ލަފާކުރެވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ