ހުޅުމާލެ ހޮސްޕިޓަލްގެ ޑަޔަލިސިސް ސެންޓަރު ރައީސް ހުޅުއްވައިދެއްވައިފި

ހުޅުމާލެ ހޮސްޕިޓަލްގައި ޤާއިމުކުރި 30 އެނދުގެ ޒަމާނީ ވަސީލަތްތަކާ އެކު ހުރި ޑަޔަލިސިސް ސެންޓަރު މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހުޅުއްވައިދެއްވާފައެވެ.

ހުޅުމާލޭ އޮރެންޖް ހިޔާ ބިލްޑިންގްގައި މިއަދު މެންދުރު ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ސިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމާއި، ހުޅުމާލެ ހޮސްޕިޓަލުގެ ހިންގުން ޙަވާލުކޮށްފައިވާ މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. ރަސްމިއްޔާތަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އެތަނުގެ ޚިދުމަތްތަކާއި ވަސީލަތްތައް ބައްލަވާލައްވާފައެވެ.

ހުޅުމާލޭ ހޮސްޕިޓަލްގެ ޑަޔަލިސިސް ސެންޓަރުގައި މިހާރު ޤާއިމްކޮށްފައިވާ 10 އެނދާއެކު، މިވަގުތު 80 އަށްވުރެ ގިނަ މީހުންނަށް ޚިދުމަތް ފޯރުކޮށްދެމުން ގެންދެއެވެ. މީގެ ތެރޭގައި ކުއްލި އިމަރޖެންސީ ހާލަތްތަކަށް ޚާއްޞަކުރެވިފައިވާ އެނދެއްވެސް ހިމެނެއެވެ.

ހުޅުމާލޭގެ އާބާދީ އިތުރުވަމުން ދިއުމާއެކު، ސިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ ދަށުން ގިނަ މަޝްރޫޢުތަކެއް ކުރިއަށްދެއެވެ. މިގޮތުން މިދިޔަ އަހަރުގެ ނޮވެންބަރު މަހު ހުޅުމާލެ ހޮސްޕިޓަލް ވަނީ ޓާޝަރީ ހޮސްޕިޓަލް ފެންވަރަށް ބަދަލުކޮށްފައެވެ.

2012 ވަނަ އަހަރު ފެށުނު ހުޅުމާލޭ ހޮސްޕިޓަލްގެ ޑަޔަލިސިސް ޚިދުމަތް އިތުރަށް ފުޅާކުރުމަށް، މިއަހަރުގެ ފެބްރުއަރީ މަހު ވަނީ އިތުރު 30 އެނދު ޤާއިމްކުރުމުގެ މަސައްކަތް އަމިއްލަ ދެ ކުންފުންޏަކާ ހަވާލުކޮށްފައެވެ. މީގެ އިތުރުން މިއަހަރުގެ މޭ މަހު ވަނީ ހުޅުމާލެ ހޮސްޕިޓަލްގެ ޒަމާނީ އިމަރޖެންސީ ރޫމްގެ މަސައްކަތްވެސް ނިންމާ ހުޅުވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ