ބ. އަތޮޅުގައި އާރްޓީއެލް ފެރީގެ ޚިދުމަތް ފަށައިފި

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގެ ފެރީ ޚިދުމަތް ބ. އަތޮޅުގައި މިއަދު ފަށައިފިއެވެ. މިއީ އާރްޓީއެލްގެ ޚިދުމަތް ފެށުނު 11 ވަނަ އަތޮޅެވެ.

ބ. އަތޮޅުގައި މި ޚިދުމަތް ފެށުމުގެ ކުރިން މުވައްޒަފުން ނަގައި ތަމްރީން ދިނުމުގެ މަސައްކަތް ވަނީ ނިންމާފައެވެ. އެ އަތޮޅުގައި ދަތުރުތައް ބާއްވާނީ ދެ ރޫޓަކަށް ކަމަށާއި، މި ޚިދުމަތުގައި ބޭނުންކުރާނީ ހައި ސްޕީޑް ދެ ފެރީ ކަމަށް އާރްޓީއެލްއިން މަޢުލޫމާތު ދެއެވެ. ދަތުރުތަކުގެ ރޫޓްތައް ކަނޑައަޅާފައިވަނީ އެއަރޕޯޓް ޚިދުމަތާއި އާންމު އެހެނިހެން ޚިދުމަތްތައް ހޯދުމަށް އަތޮޅުގެ ވެރި ރަށަށް ދަތުރުކުރުމަށް ފަހިވާގޮތަށެވެ.

އެހެން އަތޮޅުތަކެކޭ އެއްފަދައިން، ބ. އަތޮޅުގައިވެސް މި ޚިދުމަތް ފުރަތަމަ ހަފްތާގައި ކުރިއަށްގެންދާނީ އަހުލުވެރިކުރުމުގެ ދަތުރުތަކެއްގެ ގޮތުގައި ކަމަށާއި، މި ދަތުރުތަކަށް އެއްވެސް ފީއެއް ނުނަގާނެ ކަމަށް އާރްޓީއެލްއިން ބުނެއެވެ. ދަތުރުތަކަށް ފީ ނަގަން ފަށާނީ 4 އޮގަސްޓުން ފެށިގެންނެވެ.

ބ. އަތޮޅުގައި އާރްޓީއެލްގެ ޚިދުމަތް ޖުލައި މަހުގެ ތެރޭގައި ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. މިއަހަރުގެ ފެބްރުއަރީ މަހު ރައްޔިތުންގެ މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވެފައިވަނީ މިއަހަރު ތެރޭ ބ. އަތޮޅުގައި އާރްޓީއެލް ފެރީގެ ޚިދުމަތް ފަށާނެ ކަމަށެވެ.

12,000 އަށްވުރެ ގިނަ އާބާދީއެއް އޮންނަ ބ. އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށް އޮވެއެވެ. އާރްޓީއެލްގެ ޚިދުމަތް ސަރުކާރުން ފޯރުކޮށްދެނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްގެންނެވެ. މި މަޝްރޫޢު ކުރިއަށްގެންދަނީ ރާއްޖެ 6 ޒޯނަކަށް ބަހާލައިގެންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ