ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގެ ފެރީ ޚިދުމަތް ޒޯން 4 (މ، ފ، ދ، ތ، އަދި ލ އަތޮޅު)ގައި ފެށުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އިން މިއަދު ހާމަކޮށްފިއެވެ.
އެމްޓީސީސީގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރ ޢަބްދުﷲ ފާރިޝް ހުސައިން ވިދާޅުވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް މިއަހަރު ނިމުމުގެ ކުރިން މުޅި ރާއްޖޭގައި މި ޚިދުމަތް ފެށުމަށް މަސައްކަތްކުރަމުން ދެއެވެ. މިގޮތުން މިހާރު ވަނީ ރާއްޖޭގެ 4 ޒޯނެއްގައި ޚިދުމަތް ފަށާފައެވެ.
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ އިބްރާހީމް ޔާސިރު ވިދާޅުވި ގޮތުގައި، މިހާރު ޚިދުމަތް ފަށާފައިވާ ސަރަހައްދުތަކުގެ ތެރޭގައި ޒޯން 1 (ހއ، ހދ، ށ އަތޮޅުގެ 41 ރަށް)، ޒޯން 2 (ބ. އަތޮޅު)، ޒޯން 5 (ގއ، ގދ ގެ 18 ރަށް) އަދި ޒޯން 6 (އައްޑޫ، ފުވައްމުލައް) ހިމެނެއެވެ.
މި ޚިދުމަތް ފުޅާކުރުމަށްޓަކައި އެކި ރަށްރަށުގައި ފެރީ ޓާމިނަލްތައް އެޅުމުގެ މަސައްކަތް ކުރިއަށްދާއިރު، މިހާތަނަށް 27 ޓާމިނަލް ވަނީ ނިމިފައެވެ. އަދި ރ. އުނގޫފާރުގައި ހަބް ޓާމިނަލެއް އެޅުމުގެ މޯބިލައިޒޭޝަން މަސައްކަތްވެސް ވަނީ ފަށާފައެވެ.
މިހާރު ރާއްޖޭގެ 11 އަތޮޅެއްގެ 110 ރަށެއްގައި އާރްޓީއެލްގެ ޚިދުމަތް ފަށާފައިވާއިރު، މިއަހަރުގެ ނިޔަލަށް ހުރިހާ އަތޮޅެއްގައި މި ޚިދުމަތް ފެށުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދެކެވެ.




