2026 ވަނަ އަހަރުގެ ޖަނަވަރީ 28 އިން ފެށިގެން ދުންފަތުގެ އެއްވެސް ބާވަތެއް ރާއްޖެ އެތެރެކުރެވޭނީ ސިއްޙަތުގެ އިންޒާރު ސީދާ ޕެކޭޖްގެ ބޭރަށް ޗާޕުކޮށްގެންކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ހާމަކުރައްވައިފިއެވެ.
ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ "ޑިޒައިން އެންޑް ލޭއައުޓް ރިކުއަރމަންޓުސް ފޮރ ހެލްތު ވޯރނިންގ"ގެ ފުރަތަމަ އިސްލާހު 2025 ޖުލައި 29 ވަނަ ދުވަހު ވަނީ ގެޒެޓްކޮށްފައެވެ. މި އުސޫލަށް އިތުރުކުރެވުނު ބައިތަކުގެ ތެރޭގައި ހީޓެޓް ޓޮބޭކޯ ޕްރޮޑަކްޓްސް އާއި ނިކޮޓީން ޕައުޗު ހިމެނެއެވެ.
ދުންފަތާ ދެކޮޅަށް ސަރުކާރުން އަޅަމުންދާ ހަރުކަށި ފިޔަވަޅުތަކުގެ ތެރެއިން، 2007 ވަނަ އަހަރުން ފެށިގެން އުފަންވާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލުކުރުން ވަނީ މަނާކޮށްފައެވެ. މީގެ އިތުރުން، އިލެކްޓްރޯނިކް ވޭޕްއާއި އޭގެ އެކި އާލާތްތައް ރާއްޖެއަށް އެތެރެކުރުމާއި، ވިޔަފާރިކުރުމާއި، ބޭނުންކުރުންވެސް ވަނީ މަނާކުރެވިފައެވެ.
އެޗްޕީއޭއިން ފާހަގަކުރެއްވި ގޮތުގައި، "ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނު" އަދި އެ ޤާނޫނުގެ ދަށުން އާންމުކޮށްފައިވާ ގަވާއިދުގެ ފަސްވަނަ ބާބުގައި، ރާއްޖެ އެތެރެކުރާ އަދި ރާއްޖޭގައި ވިއްކާ ދުންފަތުގެ ބާވަތްތަކުގެ އުފެއްދުންތައް ހުންނަންވާނެ ގޮތްތައް ވަނީ ކަނޑައަޅާފައެވެ.
ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް އިސްލާހު ގެނެސް އަމަލުކުރަން ފަށާފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ. އަދި ކުރިއަށް އޮތްތަނުގައި ރާއްޖޭގައި ދުންފަތާ ގުޅޭ ވިޔަފާރިކުރާ ފަރާތްތަކުން، ވިޔަފާރި ކުރުމުގެ ހުއްދައިގެ އިތުރުން، ސިއްޙަތާ ބެހޭ ވުޒާރާއިން ދޫކުރާ ވަކި ސައްޙަ ލައިސަންސެއް އޮންނަންޖެހޭނެކަމަށް ސިއްޙަތާ ބެހޭ ވުޒާރާއިން ވަނީ އިއުލާނުކުރައްވާފައެވެ.
 
								
 
											
 
								 
								 
								

 
														 
														 
														 
														 
														 
														