ދިވެހިރާއްޖޭގެ އާރޓިފިޝަލް އިންޓެލިޖެންސް (އޭއައި) އެސެސްމެންޓް ރިފޯޓް މިއަދު ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.
އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތުގައި މި ރިޕޯޓް އިފްތިތާހުކޮށްދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަދި އެންސީއައިޓީގެ ވެރިޔާ ޑރ. މުޙައްމަދު ކިނާނަތާއި ޔުނެސްކޯ ސައުތް އޭޝިޔާގެ ޑައިރެކްޓަރ މިސްޓަރ ޓިމް ކާރޓިސްއެވެ.
މި ރިޕޯޓަކީ ޔުނެސްކޯގެ އިސްނެގުމުގެ ދަށުން، އެންސީއައިޓީއާއެކު އެކި ދާއިރާތައް ތަމްސީލުވާގޮތަށް އެކުލަވާލެވުނު ސްޓިއަރިންގ ކޮމިޓީއަކުން ފާއިތުވި 10 މަސްދުވަހުގެ ތެރޭގައި ކުރި މަސައްކަތުގެ ނަތީޖާއެވެ. އަދި ފާހަގަކޮށްލެވޭ ކަމަކީ ދިވެހިރާއްޖެއަކީ މުޅި ސައުތު އޭޝިޔާ ސަރަހައްދުގައިވެސް އޭއައި ރެޑިނަސް އެސެސްމަންޓް ރިޕޯޓެއް އެކުލަވާލި ފުރަތަމަ ޤައުމަށްވުމެވެ.
"ޖުމްލަކޮށް ބަލާއިރު މިއީ ވަރަށް ޕޮސިޓިވް ރިޕޯޓެއް. މި ރިޕޯޓުން ފާހަގަކުރެވޭ ގޮތުގައި ދިވެހިރާއްޖެ ވަނީ އޭއައި އަށް ދިއުމަށް ވަރަށް ބޮޑަށް ތައްޔާރުވެފައި. އެހެންކަމުން އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ކުރިއަށް އޮތްތަނުގައި ގިނަ މަސައްކަތްތަކެއް އޭއައި މެދުވެރިކޮށް ކުރެވޭނެ،" ޑރ. ކިނާނަތު ވިދާޅުވިއެވެ.
މި ރިޕޯޓުގެ މައިގަނޑު މަޤްޞަދަކީ، މިހާރު ދުނިޔޭގައި އެންމެ ހަލުވިކަމާއެކު ކުރިއަރަމުންދާ އާޓިފިޝަލް އިންޓެލިޖެންސްގެ މަންފާ ދެމެހެއްޓެނިވި ގޮތެއްގައި އެންމެންނަށް ހަމަހަމަކަމާއެކު ފޯރުކޮށްދިނުމެވެ. އަދި އިންސާނީ ކަރާމާތަށް އުނިކަމެއް ނާންނާނެ ގޮތަށް ޓެކްނޮލޮޖީ ބޭނުންކުރުމަށް ރާއްޖެ ތައްޔާރުވެފައިވާ މިންވަރު ދެނެގަތުމެވެ.
މި ރިޕޯޓް އެކުލަވާލާފައިވަނީ ޔުނެސްކޯއިން 2021 ވަނަ އަހަރު އެކަށައަޅައި، 193 ޤައުމަކުން ތަސްދީޤުކޮށްފައިވާ "ރިކޮމެންޑޭޝަން އޮން އެތިކްސް އޮފް އާޓިފިޝަލް އިންޓެލިޖެންސް" އާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. މި ރިޕޯޓުގައި މުޖުތަމަޢުގެ އެންމެން ހިމެނޭގޮތަށް، ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު، އިންސާނީ ޙައްޤުތަކާއި ކަރާމާތް ރައްކާތެރިކުރެވޭނެ ގޮތްތައް ހިމަނާފައިވެއެވެ.




