ދުރާލާ އިންޒާރުދޭ ނިޒާމެއް ފުވައްމުލަކު ސިޓީގައި ޤާއިމްކުރަނީ

ފުވައްމުލަކު ސިޓީގައި މޫސުމަށް އަންނަ ބަދަލުތަކަށް ދުރާލައި ރައްކާތެރިވެ، އެފަދަ ކާރިސާތަކާ ގުޅިގެން ލިބޭ ގެއްލުންތަކަށް ތައްޔާރުވުމަށް އިންޒާރުދޭ ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.

ވޯލްޑް ބޭންކްގެ ހިލޭ އެހީގައި، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ ޑީމެޑް ޕްރޮޖެކްޓްގެ ދަށުން ކުރިއަށްގެންދާ މި މަސައްކަތުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. މުޙައްމަދު ކިނާނަތެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސްޓޭޓް މިނިސްޓަރ ވިދާޅުވީ މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މޯލްޑިވްސް 2.0 އެޖެންޑާގައި ހިމެނޭ ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ވަޢުދު ފުއްދުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ.

"މި ސިސްޓަމުގެ ކާމިޔާބީ އޮތީ އަޅުގަނޑުމެން އެންމެންގެ އަތްމަތީގައި. މިކަން ހާސިލު ކުރެވޭނީ އިދާރާތަކުގެ މެދުގައި އޮތް ގުޅުން ވަރުގަދަ ކުރުމާއި، މުވައްޒަފުންގެ ޤާބިލުކަން އިތުރުކުރުމަށް ދެވޭ ތަމްރީނުތައް އިތުރުކުރުމާއި މުޖުތަމަޢުގެ އެއްބާރުލުމުގެ މައްޗަށް," ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

ފުވައްމުލަކުގައި ޤާއިމުކުރެވުނު މި ސިސްޓަމަކީ ޕައިލެޓް ސިސްޓަމެއްކަން ފާހަގަކުރައްވައި، އިނގިރޭސިވިލާތުގެ ސަލްފޯޑް ޔުނިވަރސިޓީއާ ގުޅިގެން އުފައްދާފައިވާ މި ނިޒާމަކީ އިތުރަށް ފުޅާކޮށް ފުރިހަމަކުރެވޭނެ ގޮތަށް ފަރުމާކުރެވިފައިވާ ނިޒާމެއްކަން ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މޫސުމީ ބަދަލުތަކުގެ ސަބަބުން ޤުދުރަތީ ކާރިސާތަކަށް ހުށަހެޅިފައިވާ ދިވެހިރާއްޖެއަށް މިފަދަ ނިޒާމެއްގެ މުހިންމުކަން ފާހަގަކުރައްވައި، ކަނޑުގެ ލޮނުގަނޑު އުފުލުމާއި، ރަށްގިރުމާއި، އުދައެރުން ފަދަ ކަންކަމުން ރައްޔިތުންގެ ދިރިއުޅުމަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް މި ނިޒާމުން އެހީތެރިވެދޭނެކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ސެލްފޯޑްގެ ތިންކްލެބްއިން ތައްޔާރުކޮށްފައިވާ "މޮބިލައިޒް" ޕްލެޓްފޯމް މެދުވެރިކޮށް ފުވައްމުލަކު ސިޓީއަށް ލިބިދާނެ ގެއްލުންތައް އަންދާޒާކުރެވޭނެ ނިޒާމެއް ވަނީ ޤާއިމްކުރެވިފައެވެ. މި ނިޒާމުގައި ސެޓެލައިޓް އަދި އައިއޯޓީ ޑިވައިސްތަކުން ލިބޭ މޫސުމީ މަޢުލޫމާތު ބޭނުންކުރެވޭނެއެވެ.

މި ނިޒާމުގެ ސަބަބުން ސިޓީ ކައުންސިލާއި މެޓް އޮފީހަށް ރައްޔިތުންނަށް އިންޒާރުގެ މެސެޖް ފޯރުކޮށްދިނުމާއި، ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް މަގުފަހިވެގެންދާނެއެވެ. އަދި ޕްރޮޖެކްޓްގެ ފުރަތަމަ ފިޔަވަހީގައި ކާރިސާގެ ރިސްކް އަންދާޒާކުރުމާއި، ނާޒުކު ހާލަތުގައިވާ ފަރާތްތައް ދެނެގަތުމަށް ޚާއްސަ ޕްރޮޓޮކޯލްއެއް އެކުލަވާލެވޭނެއެވެ.

ދެ ފިޔަވަހި ހިމެނޭ މި ޕައިލެޓް ޕްރޮޖެކްޓް ނިމުމުން ފުވައްމުލަކު ސިޓީ ކައުންސިލްގައި ލިވިންގ ލެބްއެއް ޤާއިމްކުރެވި، 3 އަހަރުގެ މުއްދަތަށް ޔުނިވަރސިޓީ އޮފް ސެލްފޯޑްއިން ސިސްޓަމްގެ ސަޕޯޓް ފޯރުކޮށްދޭނެއެވެ. މި ނިޒާމް އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގައި ސަރުކާރުގެ އިސް ފަރާތްތަކާއި، ވޯލްޑް ބޭންކްގެ އިސްވެރިން ބައިވެރިވެ، ޔުނިވަރސިޓީ އޮފް ސެލްފޯޑްގެ ޕްރޮފެސަރ ޓެރެންސް ފެނާންޑޯ ވަނީ ސިސްޓަމްގެ ފީޗަރތަކުގެ ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ