، ފާއިތުވި ތިން މަސްދުވަހުގެ ތެރޭގައި ބިދޭސީންގެ ފީއާއި ޖޫރިމަނާގެ ގޮތުގައި 2 ބިލިޔަނަށް ވުރެ ގިނަ ރުފިޔާ ވަނީ ދައުލަތަށް ލިބިފައިވާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
2023 ވަނަ އަހަރުގެ ނޮވެމްބަރު 17 އިން 2024 ވަނަ އަހަރުގެ ފެބްރުއަރީ 17 އާ ހަމައަށް ލިބުނު ފައިސާގެ ތަފްސީލަށް ބަލާއިރު، ވޯކް ޕާމިޓް ފީގެ ގޮތުގައި 1.2 ބިލިޔަން ރުފިޔާ، ކޯޓާ ފީގެ ގޮތުގައި 794 މިލިޔަން ރުފިޔާ، އަދި ސާރވިސް ފީގެ ގޮތުގައި 1.8 މިލިޔަން ރުފިޔާ ލިބިފައިވެއެވެ. މީގެއިތުރުން، ޖޫރިމަނާގެ ގޮތުގައި 6.3 މިލިޔަން ރުފިޔާ ލިބި، ޖުމްލަ 2.03 ބިލިޔަން ރުފިޔާ ވަނީ ދައުލަތަށް ލިބިފައެވެ.
ނަމަވެސް، އަދިވެސް ބިދޭސީންނާ ގުޅުންހުރި އެކިއެކި ފީތަކުގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ 967 މިލިޔަން ރުފިޔާ ނުލިބި ވާކަމަށް އެ ވުޒާރާއިން ފާހަގަކުރެއެވެ. މީގެ ތެރޭގައި ވޯކް ޕާމިޓް ފީގެ ގޮތުގައި 799 މިލިޔަން ރުފިޔާއާއި، ކޯޓާ ފީގެ ގޮތުގައި 156 މިލިޔަން ރުފިޔާ، އަދި ޖޫރިމަނާގެ ގޮތުގައި 10 މިލިޔަން ރުފިޔާ ހިމެނެއެވެ.
ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، މިހާތަނަށް 7000 އަށް ވުރެ ގިނަ ބިދޭސީން ވަނީ ރާއްޖެ ނާދެވޭ ގޮތަށް ޑިޕޯޓްކޮށްފައެވެ. އަދި 174,152 ބިދޭސީ މަސައްކަތްތެރިންގެ ބަޔޯމެޓްރިކް މަޢުލޫމާތު ވަނީ ޑޭޓާބޭސްއަށް އަޕްޑޭޓްކޮށްފައެވެ.
ބިދޭސީންގެ މަޢުލޫމާތު އަދާހަމަކުރުމުގެ މަސައްކަތުގެ ތެރެއިން، ބަޔޯމެޓްރިކް އަދާހަމަކޮށްފައިނުވާ ބިދޭސީން ގެންގުޅޭ 2,498 ފަރާތެއް ވަނީ ސިސްޓަމުން ބްލޮކްކޮށްފައިކަމަށް އެ ވުޒާރާއިން މަޢުލޫމާތު ދެއެވެ.