ދައުލަތުގެ ޚަރަދު %17.9 އަށް ދަށްވެ، އާމްދަނީ %7.9 އިން އިތުރުވެއްޖެ

މިއަހަރުގެ ޖުލައި 17 ވަނަ ދުވަހާ ހަމައަށް ދައުލަތުގެ ބަޖެޓުން ކޮށްފައިވާ ޚަރަދުތައް، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު %17.9 ދަށްވެފައިވާކަމަށް މާލީ ވުޒާރާއިން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ދައްކައެވެ. މި މުއްދަތުގައި ދައުލަތުގެ އާމްދަނީ %7.9 އިތުރުވެ، ޖުމްލަ ބަޖެޓު 1 ބިލިޔަން ރުފިޔާއިން އަރަނިވެފައިވެއެވެ.

ރިޕޯޓުގައިވާ ގޮތުން، މި މުއްދަތުގައި ދައުލަތުގެ ބަޖެޓުން ޖުމްލަ 19.4 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ހޭދަކުރި 23.7 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު ފާހަގަކޮށްލެވޭ ދަށްވުމެކެވެ. އެންމެ ބޮޑު އަދަދެއް ޚަރަދުކޮށްފައިވަނީ ރިކަރަންޓް ޚަރަދުތަކަށް ކަމަށްވާއިރު، އެއީ 17.2 ބިލިޔަން ރުފިޔާއެވެ.

ރިކަރަންޓް ޚަރަދުތަކުގެ ތެރެއިން މުވައްޒަފުންގެ މުސާރައާއި ޕެންޝަނަށް 7.1 ބިލިޔަން ރުފިޔާ ހޭދަކޮށްފައިވާއިރު، އިދާރީ ހިންގުމުގެ ޚަރަދުތަކަށް 9.9 ބިލިޔަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. ރިކަރަންޓް ޚަރަދުތައްވެސް ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު %3.5 އިން ދަށްކުރެވިފައެވެ.

ކެޕިޓަލް ޚަރަދުތަކަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް 2.3 ބިލިޔަން ރުފިޔާ ހޭދަކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ހޭދަކުރި 5.9 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު %61.4 ގެ ދަށްވުމެކެވެ.

ދައުލަތުގެ އާމްދަނީއަށް ބަލާއިރު، މި މުއްދަތުގައި އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 20.5 ބިލިޔަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 19 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު %7.9 ގެ ކުރިއެރުމެކެވެ. މިގޮތުން ޚަރަދަށްވުރެ އާމްދަނީ އިތުރުވެ، ޖުމްލަ ބަޖެޓު 1 ބިލިޔަން ރުފިޔާއިން އަރަނިވެފައިވާކަން ފާހަގަކުރެވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ