ދައުލަތުގެ އާމްދަނީ %8 އިތުރުވެ، 26.3 ބިލިޔަން ރުފިޔާއަށް

މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު އާމްދަނީ އާއި ހިލޭ އެހީގެ ޖުމްލަ 26.3 ބިލިޔަން ރުފިޔާއަށް އަރާފައިވާކަމަށް މިނިސްޓްރީ އޮފް ފިނޭންސުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މާލީ ވުޒާރާގެ "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް" ރިޕޯޓުގައިވާ ގޮތުން، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 8 އިންސައްތައިގެ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް ލިބިފައިވަނީ 24.3 ބިލިޔަން ރުފިޔާއެވެ. މިއަހަރު ދައުލަތަށް ލިބޭނެކަމަށް ލަފާކުރި އާމްދަނީގެ 66 އިންސައްތަ މިހާތަނަށް ލިބިފައިވާކަން ފާހަގަކުރެވެއެވެ.

މިއަހަރު ލިބުނު އާމްދަނީގެ 78 އިންސައްތައަކީ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީއެވެ. މިގޮތުން ޓެކްސް އާމްދަނީގެ ގޮތުގައި 20.5 ބިލިޔަން ރުފިޔާ ލިބިފައިވެއެވެ. ޓެކުހުގެ ރޭޓްތަކަށް ގެނެވުނު ބަދަލާ ގުޅިގެން، ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ 104.6 އިންސައްތަ އަދި ޑިޕާޗަރ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ 57.9 އިންސައްތަ އިތުރުވެފައިވެއެވެ.

ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 5.5 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ލިބުނު އާމްދަނީ 56.8 އިންސައްތަ އިތުރުވެފައިވެއެވެ. މީގެ މައިގަނޑު ސަބަބަކީ ފަތުރުވެރިންގެ އަދަދު 9.7 އިންސައްތައިން އިތުރުވެ، 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރުމެވެ.

އާމްދަނީ އިތުރުވެފައިވާއިރު، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރި ފައިސާގެ އަދަދު 47.9 އިންސައްތަ އިތުރުވެ، 1.4 ބިލިއަން ރުފިޔާއަށް އަރާފައިވެއެވެ. އަދި ދައުލަތުގެ ޚަރަދުތައް 15.5 އިންސައްތައިން ދަށްވެ، މިހާތަނަށް 25.4 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާކަން މާލީ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ