މިއަހަރުގެ ޖޫންމަހު ހިލޭ އެހީގެ ގޮތުގައި ދަޢުލަތަށް 42.5 މިިލިޔަން ރުފިޔާ ލިބިފައިވާކަމަށް މާލީ ކަންތައްތަކާއި ތަރައްޤީގެ ރޭވުންތެރިކަމާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މާލީ ވުޒާރާއިން އާންމުކޮށްފައިވާ މަންތްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ދައްކާގޮތުގައި މިއަހަރުގެ ޖޫން މަހު ދަޢުލަތަށް 2.9 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 20.8 އިންސައްތަ އިތުރު އަދަދެކެވެ.
ޖޫންމަހު ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީއެވެ. އެގޮތުން ޓެކްސްގެ ގޮތުގައި 2.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 16.6 އިންސައްތަ އިތުރު އަދަދެކެވެ.
ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 844 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 35.7 އިންސައްތަ އިތުރު އަދަދެކެވެ. ހިލޭ އެހީގެ ގޮތުގައި ލިބުނު 42.5 މިލިޔަން ރުފިޔާއަކީ މިދިޔަ އަހަރާ އަޅާބަލާއިރު 151.5 އިންސައްތަ އިތުރު އަދަދެކެވެ.
އާމްދަނީ އިތުރުވުމާއެކު، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރި ފައިސާގެ އަދަދުވެސް އިތުރުވެފައިވެއެވެ. އެގޮތުން 143 މިލިޔަން ރުފިޔާ ޖަމާކޮށްފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 53.8 އިންސައްތަ އިތުރު އަދަދެކެވެ.
ނިމިދިޔަ ޖޫންމަހު ދަޢުލަތުގެ ބަޖެޓުން 2.7 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މީގެ ތެރެއިން ރިކަރަންޓް ޚަރަދަށް 2.3 ބިލިޔަން ރުފިޔާ އަދި ކެޕިޓަލް ޚަރަދުގެ ގޮތުގައި 462 މިލިޔަން ރުފިޔާ ހޭދަކޮށްފައިވެއެވެ.