ދައުލަތުގެ ޚަރަދުތައް %15.6 ދަށްވެ، ލިބުނު އާމްދަނީ %4.9 އިތުރުވެއްޖެ

މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ އޮގަސްޓް މަހުގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން ހޭދަކޮށްފައިވާ މިންވަރު މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 15.6 އިންސައްތަ ދަށްވެފައިވެއެވެ. އަދި މި މުއްދަތުގެ ތެރޭގައި ދައުލަތަށް ލިބުނު އާމްދަނީވެސް ވަނީ 4.9 އިންސައްތަ އިތުރުވެފައެވެ.

މާލީ ވުޒާރާއިން ނެރެފައިވާ "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް" ރިޕޯޓުގައިވާ ގޮތުން، މިއަހަރުގެ ޖަނަވަރީ 1 އިން އޮގަސްޓް 28 އަށް ދައުލަތަށް ލިބިފައިވަނީ 25.3 ބިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 24.1 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 4.9 އިންސައްތައިގެ އިތުރުވުމެކެވެ.

އަހަރުގެ މިހާތަނަށް ލިބުނު އާމްދަނީގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޓެކްސްގެ ގޮތުގައި ލިބުނު 19.7 ބިލިއަން ރުފިޔާއެވެ. އަދި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 5.4 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

ޚަރަދުތަކަށް ބަލާއިރު، ފާއިތުވި ހަފްތާގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްފައިވަނީ 24.7 ބިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ކުރެވުނު 29.4 ބިލިއަން ރުފިޔާގެ ޚަރަދާ އަޅާބަލާއިރު 15.6 އިންސައްތަ ދަށް އަދަދެކެވެ. މީގެ ތެރޭގައި ރިކަރަންޓް ޚަރަދު 1.7 އިންސައްތަ އަދި ކެޕިޓަލް ޚަރަދު 57.4 އިންސައްތަ ދަށްވެފައިވެއެވެ.

ކެޕިޓަލް ޚަރަދުގެ ގޮތުގައި 3.1 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، އޭގެ ތެރެއިން 2.7 ބިލިއަން ރުފިޔާ ވަނީ އިންފްރާސްޓްރަކްޗަރ އެސެޓްތަކަށް، އެއީ މަގުހެދުމާއި ބްރިޖް އަދި އެއަރޕޯޓް ތަރައްޤީކުރުމަށް ހޭދަކޮށްފައެވެ.

2025 ވަނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް 12.4 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، މިއަހަރުގެ މިހާތަނަށް މިފަދަ ޕްރޮގްރާމްތަކަށް ހޭދަކޮށްފައިވަނީ 4 ބިލިއަން ރުފިޔާއެވެ. މިއަހަރުގެ ޕީއެސްއައިޕީ ޚަރަދުގެ ބޮޑު ބައެއް ހިއްސާކުރަނީ ލަފާފުރުމުގެ ދަތިކަން ހައްލުކުރުމާ ގުޅޭ މަޝްރޫޢުތަކަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ