މިއަހަރުގެ ފުރަތަމަ 26 ހަފްތާ ނިމުނުއިރު، ދައުލަތުގެ ބަޖެޓުން ސަބްސިޑީގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް މާލީ ވުޒާރާއިން ހާމަކޮށްފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 19 އިންސައްތަ ދަށް އަދަދެކެވެ.
މާލީ ވުޒާރާގެ "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް" ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ގްރާންޓް، ކޮންޓްރިބިއުޝަން އަދި ސަބްސިޑީގެ ގޮތުގައި ޖުމްލަ 4.9 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި މި ބައިތަކަށް 5.2 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މިއަހަރު އެ އަދަދު ވަނީ ދަށްވެފައެވެ.
އެހެންނަމަވެސް، އާސަންދައަށް ކުރާ ޚަރަދު ވަނީ އިތުރުވެފައެވެ. މިގޮތުން އަހަރުގެ މިހާތަނަށް އާސަންދައަށް 1 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 9.9 އިންސައްތަ އިތުރު އަދަދެކެވެ. އަދި ކައުންސިލްތަކަށް ދޭ ގްރާންޓްގެ ގޮތުގައި މިއަހަރުގެ މިހާތަނަށް 1 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 4.4 އިންސައްތަ ދަށް އަދަދެކެވެ.
ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން، ޖުލައި 17 ގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން ޖުމްލަ 19.4 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 20.5 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 19 ބިލިއަން ރުފިޔާއާ އަޅާބަލާއިރު އިތުރު އަދަދެކެވެ.




