ފްރާންސްގައި މިހާރު ކުރިއަށްދާ ވޮމެންސް ވޯލްޑްކަޕް ގަދަ 16 ގައި ރޭ ފްރާންސް އަދި ބްރެޒިލް ބައްދަލުކުރި މެޗު ކާމިޔާބުކޮށް މުބާރާތުގެ ކުއާޓާއަށް ފްރާންސް ދަތުރުކޮށްފިއެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މިމެޗު ފްރާންސްއިން ކާމިޔާބުކޮށްފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ކުރީކޮޅު ލަނޑެއްޖަހައި ލީޑު ނެގުނުކަމަށް ފްރާންސްއަށް ހީކުރެވުނެވެ. ނަމަވެސް ވީއޭއާރުގެ އެހީގައި ވޭލަރީ ގުވަން ޖެހި މިލަނޑު ރެފްރީ ވަނީ ކެންސަލްކޮށްފައެވެ.
މެޗުގެ ފުރަތަމަ ލަނޑު 52 ވަނަ މިނަޓްގައި ޖަހައިދިނީވެސް ވޭލަރީ ގުވަންއެވެ. ފްރާންސަށް މިލީޑުގައި 10 ވަރަކަށް މިނަޓްވެސް ހިފަހައްޓާލެވޭގޮތްވަނީ ނުވެފައެވެ. މެޗުގެ 62 ވަނަ މިނަޓްގައި ތައިސާ ލަނޑެއްޖަހައި ބްރެޒިލްއަށް ނަތީޖާ ހަމަހަމަކޮށްދިނެވެ.

ތައިސާގެ މިލަނޑު ރެފްރީ ފުރަތަމަ ނިންމީ އޮފްސައިޑް ލަނޑެއްކަމަށެވެ. ނަމަވެސް ވީއޭއާރު ބެލުމަށްފަހު ރެފްރީގެ ނިންމުން ފަހުންވަނީ ބަދަލުކޮށްފައެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރެންޖެހުނީ އިތުރުވަގުތު ކުޅެގެންނެވެ. އިތުރުވަގުތު ދެވަނަ ހާފުގެ ފުރަތަމަ މިނަޓްގައި އަމަންޑިން ހެންރީ ލަނޑެއްޖަހައި އަނެއްކާވެސް ފްރާންސަށް ލީޑު ނަގައިދިނެވެ. އިތުރު ލަނޑެއްނުޖެހި މެޗު ނިމިގެންދިޔައީ ފްރާންސް ކުރީގައި އޮވެގެންނެވެ.
މިނަތީޖާއާއެޖު ބްރެޒިލް މުބާރާތާއި ޢަލްވަދާޢު ކިޔަންޖެހިފައިވާއިރު އެންމެފަހުން ކުޅުނު ހަތަރު ވޯލްޑްކަޕުންވެސް ބްރެޒިލް ކަޓާފައިވަނީ ނޮކްއައުޓް ސްޓޭޖްގައި މޮޅެއްނުލިބިއެވެ.

ބްރެޒިލް ކުޅުންތެރިން އެންމެ ފަހުވަގުތާއި ޖެހެންދެންވެސް ހިތްވަރުކުރިކަމަށާއި، މެޗުގައި ބްރެޒިލްގެ ފަރާތުން ފެނުނު ކުޅުމަށް ފަޚްރުވެރިވާކަމަށް، ބްރެޒިލްއާއެކު ވޯލްޑްކަޕްގައި އެންމެ ގިނަ ލަނޑު ޖެހިކުޅުންތެރިޔާގެ ޝަރަފު ހޯދި މާތާ މެޗަށްފަހުވަނީ ބުނެފައެވެ. މާތާ ވަނީ ވޯލްޑްކަޕްގައި ޖުމްލަ 17 ލަނޑު ޖަހާފައެވެ.
ރޭގެ މޮޅާއެކު ފްރާންސް މުބާރާތުގެ ކުއާޓާއަށް ދަތުރުކޮށްފައިވާއިރު، އެންމެ ފަހުން ކުޅުނު 3 ވޯލްޑްކަޕްގައިވެސް އެޓީމުވަނީ ކުއާޓާއާއި ހަމައަށް ދަތުރުކޮށްފައެވެ.



