އަހަރުގެ މިހާތަނަށް ސޮވަރިން ފަންޑަށް ޖަމާކުރި ޢަދަދު 1 ބިލިޔަނަށް

މާލީ ކަންތައްތަކާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، މިއަހަރުގެ މިހާތަނަށް ސޮވަރިން ޑިވެލޮޕްމަންޓް ފަންޑް (އެސްޑީއެފް) އަށް ޖަމާކުރި ފައިސާގެ އަދަދު އެއް ބިލިޔަން ރުފިޔާއަށް ވުރެ އިތުރުވެއްޖެއެވެ.

ވުޒާރާއިން އާންމުކޮށްފައިވާ 'ވީކްލީ ފިސްކަލް ޑިވޮލޮޕްމެންޓް' ރިޕޯޓުގައިވާ ގޮތުން، މިއަހަރުގެ ޖަނަވަރީ 1 އިން ޖުލައި 31 އަށް އެސްޑީއެފްއަށް ޖުމްލަ 1.18 ބިލިޔަން ރުފިޔާ ވަނީ ޖަމާކޮށްފައެވެ. މިއީ 2024ވަނަ އަހަރުގެ މި މުއްދަތުގައި ޖަމާކުރި 784 މިލިޔަން ރުފިޔާއާ އަޅާބަލާއިރު 51.6 އިންސައްތައިގެ އިތުރުވުމެކެވެ.

އަދި މި މުއްދަތުގެ ތެރޭގައި ދަރަނި އަދާކުރުމަށް ކުރި ހޭދަވެސް ވަނީ އިތުރުވެފައެވެ. އެގޮތުން އަހަރުގެ މިހާތަނަށް ދަޢުލަތުން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުމަށް 3.5 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލޯނު ދެއްކުމަށް ހޭދަކުރި 1.6 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 127.8 އިންސައްތައިގެ އިތުރުވުމެކެވެ.

2016 ވަނަ އަހަރު އުފެއްދި ސޮވަރިން ފަންޑަށް ފައިސާ ޖަމާކުރަނީ ތިން މައިގަނޑު ދިމާލަކުންނެވެ. އެއީ އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ އާމްދަނީއާއި، އެމްއޭސީއެލްގެ ހިއްސާގެ ފައިދާއިން ދައްކާ ޑިވިޑެންޑް، އަދި އެއާޕޯޓްގެ ބައެއް ޚިދުމަތްތަކުގެ ފީތައް ބޮޑުކޮށްގެން އިތުރަށް ލިބޭ އާމްދަނީއެވެ.

ސޮވަރިން ފަންޑަކީ ކުއްލި ހާލަތްތަކަށާއި، ތަރައްޤީގެ މަޝްރޫޢުތަކަށް ނަގާ ބޮޑެތި ލޯނުތައް އަނބުރާ ދެއްކުމަށާއި، އިޤްތިޞާދަށް ކުރިމަތިވެދާނެ ލޮޅުންތަކުން ލިބޭ ގެއްލުން ފޫބެއްދުމަށް އުފައްދާފައިވާ ފަންޑެކެވެ. މިއީ މަރުކަޒީ ބޭންކުގެ ރިޒާވްއާ ވަކިން ބަލަހައްޓާ ފަންޑެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ