ބިޒްނަސް ފޯރަމްތަކުން ނަތީޖާ ނެރެވޭ؛ އަހަރެއްގެ ތެރޭ 108 އިންވެސްޓްމެންޓު ލިބިއްޖެ: ވަޒީރު ސަޢީދު

އަދުގެ ސަރުކާރުން އަހަރެއްހާ ދުވަހުގެތެރޭ 108 ބޭރުގެ އިންވެސްޓެމެންޓު ރާއްޖެއަށް ގެނެސްފައިވާ ކަމަށާއި، މިއީ ނިމިދިޔަ ސަރުކާރުތަކާއި އަޅާ ކިޔާއިރު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ބޭރުގެ އިންވެސްޓުމެންޓުތަކަށް ފަހި ފުރުސަތުތަކެއް ހޯދައި ދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ބޭރު ޤައުމުތަކަށް ކުރައްވާ ކޮންމެ ދަތުރުފުޅެއްގައި ބިޒްނަސް ފޯރަމްތަކެއް ބާއްވަމުން ގެންދެއެވެ. މި ފޯރަމްތަކުގައި ރާއްޖޭގެ ވިޔަފާރިވެރިންނާއި ބޭރު ޤައުމުތަކުގެ ވިޔަފާރިވެރިން ބައިވެރިވެ، ރާއްޖޭގައި ހުރި އިންވެސްޓްމެންޓު ފުރުސަތުތަކާއި ސަރުކާރުގެ މުހިންމު މަޝްރޫޢުތަކުގެ މަޢުލޫމާތު ހިއްސާކުރެވެއެވެ.

ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ސަޢީދު ހިއްސާކުރެއްވި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، 2007 އިން 2013 އަށް 206 އިންވެސްޓްމަންޓް، 2013 އިން 2018 އަށް 403 އިންވެސްޓްމަންޓް، އަދި 2018 އިން 2023 އަށް 398 އިންވެސްޓްމަންޓް ރަޖިސްޓަރީކުރެވިފައިވެއެވެ.

"މީގެ ތެރެއިން އެންމެ ރަނގަޅު އަހަރަކީ 2013 އިން 2018 އަށް ކަމަށް ބަލަމާ، 403 ގާތްގަނޑަކަށް. ފަސް އަހަރަށް ބަލާއިރު އަހަރަކު 81 ފޮރިން އިންވެސްޓްމެންޓު މިއިންނަނީ. ރައީސް ޑރ. މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށް ފަހު 108 ފޮރިން އިންވެސްޓެމެންޓު މިއިންނަކީ އަހަރެއްގެ ތެރޭގައި. މިއީ ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެން ދިޔަ،" ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.

މިހާތަނަށް އަދުގެ ސަރުކާރުން ޗައިނާ، ޔޫއޭއީ، އިންޑިއާ، މެލޭޝިއާ، ސިންގަޕޫރު އަދި އިންގިރޭސިވިލާތް ހިމެނޭ 6 ޤައުމެއްގައި ބިޒްނަސް ފޯރަމްތައް ބާއްވާފައިވެއެވެ. އަދި މި ފޯރަމްތަކުގެ ސަބަބުން ރާއްޖެއަށް އިންވެސްޓްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކާއި އިންވެސްޓްމަންޓް ރަޖިސްޓަރީކުރާ ފަރާތްތައް އިތުރުވެފައިވާ ކަމަށް އިޤްތިޞާދީ މިނިސްޓްރީން ފާހަގަކުރެއެވެ.

އިންވެސްޓަރުންނަށް އިތުރު ފަހި ފުރުސަތުތައް ހޯދައިދިނުމަށް ސަރުކާރުން ވަނީ ފޮރިން އިންވެސްޓްމަންޓުގެ ޒަމާނީ އައު ޤާނޫނެއްވެސް ތަޢާރަފްކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ