ކުޅުދުއްފުށި ހޮނިހިރު ބާޒާރު - ފޮޓޯ: ފެށުން

ތަރުކާރީއާއި މޭވާ ފަދަ ކާބޯތަކެތީގެ ބާވަތްތައް ދެން ވިއްކޭނީ ރަޖިސްޓްރީ ކޮށްގެން

ތަރުކާރީއާއި މޭވާ ފަދަ ކާބޯތަކެތީގެ ބާވަތްތައް ވިއްކުމުގެ ވިޔަފާރި ހަރަކާތް ރަޖިސްޓަރީ ކުރުމުގެ ގަވާއިދަށް ޢަމަލު ކުރަން ފަށައިފިއެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އިން ނެރެފައިވާ މި ޤަވާއިދަށް އަމަލު ކުރަންފަށާފައި ވަނީ 2020 ސެޕްޓެންބަރ 4 ގައެވެ. 2020 ސެޕްޓެންބަރު 3 ގައި ނެރެފައިވާ މި ޤަވާއިދުގައި ވާ ގޮތުން ތަރުކާރީއާއި މޭވާ ފަދަ ކާބޯތަކެތީގެ ބާވަތްތައް ދެން ވިއްކޭނީ ވިޔަފާރި ރަޖިސްޓްރީ ކޮށްގެންނެވެ.

މި ގަވާއިދަކީ، ޤާނޫނު ނަންބަރު 2014/18( ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު ( ގެ 10 ވަނަ މާއްދާގެ (ނ) ގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

މި ޤަވާއިދަށް ޢަމަލު ކުރަންޖެހޭނެކަމަށް ބުނެފައި ވަނީ މުދާ ވިއްކާ ފިހާރަތަކާއި، ބޭކަރީއާއި، ކެންޓީނާއި، ސައިހޮޓާ، ކެފޭ، ރެސްޓޯރަންޓް، ކެފެޓީރިއާ ފަދަ ތަންތަން ފިޔަވައި، ތަރުކާރީއާއި މޭވާ ހިމެނޭ ގޮތަށް ކާބޯތަކެތީގެ ބާވަތްތައް ވިއްކުމުގެ ވިޔަފާރި ހިންގާ ފަރާތްތަކުންނެވެ.

އަންނަނިވި ގޮތްތަކުން ކުރެ ގޮތަކަށް ފެތޭ ތަރުކާރީއާއި މޭވާ ފަދަ ކާބޯތަކެތީގެ ބާވަތްތައް ވިއްކުމުގެ ވިޔަފާރި ހިންގާ ފަރާތްތަކުން، ޤާނޫނު ނަންބަރު 2014/18 (ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު) ގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތްތަކުން ކުރެ ގޮތަކަށް ވިޔަފާރި
ކުރާ ތަނެއްގެ ގޮތުގައި، އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް ނުވަތަ ކުންފުންޏެއް ނުވަތަ ޕާރޓްނަރޝިޕެއް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއް ރަޖިސްޓަރީ ކުރަންވާނެކަމަށް މި ޤަވާއިދުގައި ވަނީ ބުނެފައެވެ.

  • ތަނެއްގައި ޤާއިމުވެގެން، ތަރުކާރީ ނުވަތަ މޭވާ އާންމުންނަށް ވިއްކުން؛ ނުވަތަ
  • ތަނެއްގައި ޤާއިމު ނުވެ، އެއްވެސް ބާވަތެއްގެ ތަރުކާރީއެއް ނުވަތަ މޭވާއެއް އާންމުންނަށް ވިއްކުން؛ ނުވަތަ
  • އެއްވެސް ބާވަތެއްގެ ތަރުކާރީއެއް ނުވަތަ މޭވާއެއް ހިމެނޭ ގޮތަށް އެކި ބާވަތްތަކުގެ މުދާ ވިއްކުން؛ ނުވަތަ
  • އިލެކްޓްރޯނިކް ޒަރީޢާއިން އާންމުންނަށް ތަރުކާރީ ނުވަތަ މޭވާ ވިއްކުން؛ ނުވަތަ
  • އެއް ފަރާތަށް ވުރެ ގިނަ ފަރާތުން، ވަގުތީގޮތުން ނުވަތަ ދާއިމީ ގޮތަކަށް ވަކި ތަނެއްގައި ތިބެގެން ތަރުކާރީ ނުވަތަ މޭވާ ވިއްކުން.

މަތީގައި ބަޔާންކޮށްފައިވާ ބާވަތުގެ ވިޔަފާރިއެއް ހިންގަން އެދޭ ފަރާތަކުން އަމިއްލަ ފަރުދުންގެ ވިޔަފާރިއެއްގެ ގޮތުގައި ނުވަތަ ކުންފުންޏެއްގެ ގޮތުގައި ނުވަތަ ޕާރޓްނަރޝިޕެއްގެ ގޮތުގައި ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއްގެ ގޮތުގައި ވިޔަފާރި ރަޖިސްޓަރީ ކުރުމަށްފަހު، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ތަރުކާރީ އާއި މޭވާ ފަދަ ކާބޯތަކެތީގެ ބާވަތްތައް ވިއްކުމުގެ ވިޔަފާރި ހަރަކާތް ރަޖިސްޓަރީ ކުރަންވާނެކަމުގައިވެސް ވަނީ ބުނެފައެވެ.

މި ގަވާއިދުގައި ބަޔާންކޮށްފައިވާ ވިޔަފާރި ހަރަކާތް ރަޖިސްޓަރީ ކުރުމަށް އެދޭ ކޮންމެ ފަރާތަކުން -/500 ރުފިޔާގެ ފީއެއް ދަންކަންޖެހެއެވެ.

މި ޤަވާއިދުގައި އިތުރަށް ބުނެފައި ވަނީ ގަވާއިދަށް ޢަމަލުކުރަން ފަށާއިރު، ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިތަކުން ހިންގަމުންގެންދާ ތަރުކާރީ ނުވަތަ މޭވާގެ ވިޔަފާރި ހަރަކާތްތައް، މި ގަވާއިދަށް ޢަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް ވިޔަފާރި ހަރަކާތް ރަޖިސްޓަރީކޮށް ދަފުތަރު ކުރުމަށް ހުށަހަޅަންވާނެކަމަށެވެ.

އެގޮތުން މި ގަވާއިދަށް ޢަމަލުކުރަން ފެށުމާއެކު، ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިއަކުން، ތަރުކާރީ ނުވަތަ މޭވާ ވިއްކުމުގެ އެއްވެސް ވިޔަފާރި ހަރަކާތެއް އެއްވެސް ތަނެއްގައި ހިންގަންވާނީ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ވިޔަފާރިކުރާ ތަނާއި ވިޔަފާރި ހަރަކާތް ރަޖިސްޓަރީ ކުރުމަށްފަހުގައި ކަމަށް ވަނީ ބުނެފައެވެ.

މި ގަވާއިދުގެ ދަށުން، ތަރުކާރީ ނުވަތަ މޭވާ ވިއްކުމުގެ ވިޔަފާރި ހަރަކާތް، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް ރަޖިސްޓަރީނުކޮށް ހިންގާ ނަމަ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު ގެ ދަށުން އިންސްޕެކްޓް ކުރުމަށްފަހު، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނާ ޚިލާފުވިކަމަށް ބަލައި، އެފަދަ ކޮންމެ ފަރާތެއް -/10،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.

ހަމައެހެންމެ މި ގަވާއިދުގެ ދަށުން ތަރުކާރީއާއި މޭވާ ފަދަ ކާބޯތަކެތީގެ ބާވަތްތައް ވިއްކުމުގެ ވިޔަފާރި ހަރަކާތް ހިންގުމަށް ރަޖިސްޓަރީ ކޮށްފައިވާ ފަރާތަކުން، އެ ފަރާތުން ވިޔަފާރި ހިންގާ ތަނުގައި ހުންނަންޖެހޭ ޝަރުޠުތައް ކަމަށް މި ގަވާއިދު ގައި ބަޔާންކޮށްފައިވާ ޝަރުޠެއް ފުރިހަމަވެފައި ނުވާކަން މިނިސްޓްރީން ހިންގާ އިންސްޕެކްޝަނަކުން ފާހަގަކުރެވިއްޖެ ނަމަ، އެ ފަދަ ކޮންމެ ފަރާތެއް، -/5،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެކަމުގައިވެސް ވަނީ ބުނެފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ