ޝަރުއީ ދާއިރާގައި މަސައްކަތްކުރާ އެންމެހާ ފަނޑިޔާރުންގެ މާލީ ބަޔާންތައް އޮޑިޓްކުރަން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
ޖޭއެސްސީއިން ދާދި ދެންމެ ވިދާޅުވީ، ދިވެހިރާއްޖޭގެ ކޮންމެ ފަނޑިޔާރަކުވެސް، ކޮންމެ އަހަރަކު އެއްފަހަރު އެމީހެއްގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި، އަރަންޏާއި ދަރަނި ހާމަކޮށް އެ ކޮމިޝަނަށް ހުށަހަޅަންޖެހޭ ކަމަށެވެ.
"މާލީބަޔާން ހުށަހެޅުމުގެ މަޤްސަދު ހާސިލް ކުރުމަށްޓަކައި، މާލީބަޔާން ހުށަހަޅާ އުސޫލު މުރާޖަޢާކޮށް، ދައުލަތުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން، ކޮމިޝަނަށް ހުށަހަޅާ މާލީބަޔާންތައް އޮޑިޓް ކުރުމަށް 20 ނޮވެމްބަރ 2015 ވީ ބުދަ ދުވަހު ކޮމިޝަނުން ނިންމާފައިވޭ." ޖޭއެސްސީއިން ވިދާޅުވިއެވެ.
ޖޭއެސްސީ އިން ވިދާޅުވީ، މިހާތަނަށް މާލީބަޔާން ހުށަނާޅުއްވާ ފަނޑިޔާރުން، މާލީބަޔާން ހުށަހެޅުމަށް ދެންނެވުމަށާއި، ކުރިއަށް އޮތް ތަނުގައި ކަނޑައެޅިފައި އޮންނަ މުއްދަތުގެ ތެރޭގައި މާލީބަޔާން ހުށަނާޅުއްވާނަމަ، އެ ފަނޑިޔާރަކާ މެދު ޤާނޫނީ ފިޔަވަޅު އެޅުމަށްވެސް އެ ކޮމިޝަނުން މިއަދު ނިންމަވާފައިވާ ކަމަށެވެ.
ފަނޑިޔާރުން މާލީ ބަޔާން ހުށަހެޅުން މަޖުބޫރުކޮށް، އެ ބަޔާންތައް އޮޑިޓްކުރުމަށް ނިންމެވިއިރު، ޝަރުއީ ދާއިރާގައި މަސައްކަތްކުރާ ފަނޑިޔާރުންނަށް ބޮޑެތި ކޮރަޕްޝަނުގެ ތުހުމަތުތަކެއް ދަނީ ކުރަމުންނެވެ.