ތިމާވެށި ހިމާޔަތް ކުރުމުގެ ގޮތުން ބ. އަތޮޅު އިންނަފުށީގައި ރިސޯޓު ތަރައްގީ ކުރުމަށް 2017 ވަނަ އަހަރު ސިސްޓަމްސް ޕްރައިވެޓް ލިމިޓެޑާއެކު ވެފައިވާ އެއްބަސްވުން ބާތިލް ކުރުމަށް ޓޫރިޒަމް މިނިސްޓްރީން ނިންމައިިފިއެވެ.
މި ރަށުގެ އިކުއެޒިޝަން ކޮސްޓްގެ ގޮތުގައި 1.4 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 21 މިލިއަން ރުފިޔާ) ދައުލަތަށް އެ ކުންފުނިން ދައްކާފައި ވަނިކޮށް، އިންނަފުށި ހިމެނޭ ސަރަހައްދު ހިމާޔަތް ކުރަން ނިންމީ، އެ ސަރަހައްދަކީ ރާއްޖޭގެ އެންމެ ރީތި އެއް ސަރަހައްދަށް ވާތީކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ސަރުކާރުގެ މަގުސަދަކީ ކުރީގެ ސަރުކާރު ތަކުން ކަންތައް ކުރިގޮތާ ހިލާފަށް، ރާއްޖޭގެ ޓޫރިޒަމަކީ ސަސްޓޭނަބަލް ޓޫރިޒަމެއްގެ ގޮތުގައި ތަރައްގީ ކުރުން ކަމަށާއި، މިގޮތަށް ތަރައްގީ ކުރުމަށް ބައެއް އެއްބަސްވުންތައް އުވާލި ނަމަވެސް އޭގެ ބަދަލު އިންވެސްޓަރަށް ދޭނެ ކަމަށެވެ.
"މި ރަށް ހިމެނޭ ސަރަހައްދަކީ ތިމާވެށީގެ ގޮތުން ހާއްސަ ސިފަތަކެއް ހިމެނޭ ސަރަހައްދެއް. ބ. އަތޮޅު ނުވަތަ ގޮއިދު އަތޮޅު. މިއީ ރާއްޖޭގައި އޮތް ނެޗުރަލް މައިކްރޯ، ހަމައެކަނި އަތޮޅު. ވަރަށް ރީތި ޖަޒީރާވަންތަ އެއް އަތޮޅު. މި ސަރަހައްދު ކައިރީގައި ހިމާޔަތް ކޮށްފައިވާ ސަރަހައްދުތައް ހިމެނޭ،" އަލީ ވިދާޅުވިި އެވެ.
ޓޫރިޒަމް މިނިސްޓްރީން އިއްޔެ ވަނީ ގއ. އޮޑެގައްލާގައި ރިސޯޓު ހެދުމަށް ހޮޓެލްސް އެންޑް ރިސޯޓްސް ކޮންސްޓްރަކްޝަން (އެޗްއާރްސީ) އާ އެކު ހަދާފައިވާ ލީސް އެއްބަސްވުން ވެސް އުވާލަން ވެސް ނިންމާފައެވެ.