އަހަރުގެ މިހާތަނަށް ފަތުރުވެރިކަމަށް 1800އަށްވުރެ ގިނަ އެނދު ނެރެފި

މިއަހަރުގެ މިހާތަނަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް 1،895 އެނދު އިތުރުކޮށްފައިވާ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. މިއާއެކު، ފަތުރުވެރިކަމަށް ނެރެފައިވާ ޖުމްލަ އެނދުގެ އަދަދު މިވަނީ 65،143 އަށް އަރާފައެވެ.

ވުޒާރާގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ އަހަރު ނިމުނުއިރު ފަތުރުވެރިކަމަށް ނެރެފައިވާ ޖުމްލަ އެނދުގެ އަދަދު ހުރީ 63،248 ގައެވެ. ފަތުރުވެރިކަމަށް ނެރެފައިވާ އެނދުތަކުގެ ތެރޭގައި ހިމެނެނީ ރިސޯޓުތަކުގެ 43،247 އެނދާއި، ގެސްޓު ހައުސްތަކުގެ 15،494 އެނދާއި، ސަފާރީތަކުގެ 3،918 އެނދު އަދި ހޮޓާތަކުގެ 2،484 އެނދެވެ.

ފަތުރުވެރިކަމުގެ ވިޔަފާރީގައި މިހާރު ހަރަކާތްތެރިވަމުންދާ ފެސިލިޓީތަކުގެ ތެރޭގައި 174 ރިސޯޓާއި، 903 ގެސްޓުހައުސް، 161 ސަފާރީ އަދި 16 ހޮޓާ ހިމެނޭ ގޮތަށް ޖުމްލަ 1،254 ޓޫރިސްޓު ފެސިލިޓީ ހިމެނެއެވެ.

އެނދުގެ އަދަދު އިތުރުވަމުންދާއިރު، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ. އަހަރުގެ މިހާތަނަށް ރާއްޖެއަށް 1،492،075 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 9.4 އިންސައްތައިގެ ކުރިއެރުމެކެވެ.

މިއަހަރު ސަރުކާރުން އަމާޒުހިފާފައިވަނީ 2.3 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމަށެވެ. މި އަމާޒު ހާސިލުކުރުމަށް އަހަރުގެ ބާކީ އޮތް 120 ދުވަހުގެ ތެރޭގައި ދުވާލަކު 6،732 ފަތުރުވެރިން ރާއްޖެއަށް އަންނަންޖެހޭއިރު، ކުރިއަށް އޮތީ ފަތުރުވެރިކަމުގެ ހައި ސީޒަން ކަމަށްވާތީ، މި އަމާޒު ހާސިލުކުރެވޭނެ ކަމަށް ލަފާކުރެވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ