ވެންޓިލޭޓަރުގެ މައްސަލައިގައި ދިވެހި ދަޢުލަތަށް 37 މިލިޔަން ރުފިޔާ ދެއްކުމަށް އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގެ ހިއްސާދާރުންގެ މައްޗަށް، ދުބާއީގެ ކޯޓުން އަމުރުކޮށްފިއެވެ. މި އަމުރުގައި ވަނީ 7 ދުވަހުގެ ތެރޭގައި އެ ފައިސާ ދިވެހި ދަޢުލަތަށް ދެއްކުމަށެވެ.
ބަންޑާރަ ނާއިބު އަލްއުސްތާޛު އަޙްމަދު އުޝާމް ވިދާޅުވި ގޮތުގައި، އާބިޓްރޭޝަނުން ނިންމެވި ނިންމުމާ ގުޅިގެން މައްސަލަ ދުބާއީގެ ކޯޓަށް ހުށަހެޅުމުން، ވެންޓިލޭޓަރުތައް ހޯދަން ދިވެހި ސަރުކާރުން ދެއްކި 32 މިލިޔަން ރުފިޔާއާއި، އެ ފައިސާ ދައްކާ މުއްދަތާ ހަމައަށް އިންޓްރެސްޓުގެ ގޮތުގައި އަރާ ފައިސާ އަދި އާބިޓްރޭޝަނަށް ދައުލަތުން ކުރި ޚަރަދު އަނބުރާ ދިނުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ.
"ކޯޓުގެ އަމުރާ އެއްގޮތަށް 7 ދުވަހުގެ ތެރޭގައި ދައުލަތަށް ފައިސާ ނުދައްކައިފިނަމަ، އާބިޓްރޭޝަނުގެ އެވޯޑު ތަންފީޒުކުރުމަށްޓަކައި އަޅުގަނޑުމެން ކުރަންޖެހޭ މަސައްކަތްތައް ކުރާނަން" ބަންޑާރަ ނާއިބު ވިދާޅުވިއެވެ.
ކޯވިޑް-19އާ ގުޅިގެން ވެންޓިލޭޓަރު ހޯދުމަށް ހެލްތު މިނިސްޓްރީއާއި ދުބާއީގެ ކުންފުނި، އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގއާ ދެމެދު 2020 އޭޕްރިލް 2 ވަނަ ދުވަހު ވެވުނު އެއްބަސްވުމުގެ ދަށުން ސަރުކާރަށް ލިބުނީ އެންމެ 15 ވެންޓިލޭޓަރެވެ. ނަމަވެސް އެއީ ދިވެހި ދައުލަތުން އެއްބަސްވި މިންގަނޑަށް ނުފެތޭ ތަކެތި ކަމަށްވުމުން އެ ތަކެތި ބަލައިގަނެފައެއް ނުވެއެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަނުން ފާހަގަކޮށްފައިވާ ގޮތުގައި، އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގއަށް ކުރީ ސަރުކާރުން ވެންޓިލޭޓަރުތައް ގަތުމަށް ހަވާލުކުރީ ބޭންކް ގެރެންޓީއަކާ ނުލައެވެ. އަދި 34 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދީފައިވަނީ ކުންފުންޏާ ގުޅޭ އެއްވެސް ތަފްސީލެއް ހޯދުމެއް ނެތި، އަދި ވެންޓިލޭޓަރު ފޯރުކޮށްދެވޭނެ ކަމުގެ ގާބިލުކަން ހުރިތޯވެސް ނުބަލައެވެ.