މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލަކީ މީޑިއާތަކާއި މީޑިއާތަކުގައި މަސައްކަތްކުރާ ފަރާތްތައް ރެގިއުލޭޓްކުރުމަށް ކަނޑައަޅާފައިވާ ބިލެއްކަމަށާއި، އެއީ ރައްޔިތުންގެ ސޯޝަލް މީޑިއާ ކޮންޓްރޯލްކުރާ ބިލެއް ނޫންކަމަށް ބަންޑާރަ ނައިބު އަލްއުސްތާޛް އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
އިދިކޮޅު ފަރާތްތަކުން މި ބިލަކީ ރައްޔިތުންގެ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއަޅާ ބިލެއްކަމަށް ބުނަމުންދާއިރު، ބަންޑާރަ ނައިބު ވިދާޅުވީ މިފަދައިން ވާހަކަ ދައްކަނީ ބިލުގައި އޮތް އެއްޗެއް ކިޔުމެއްނެތި ހަގީގަތް ނޭނގިކަމަށެވެ.
"މިބިލަކުން އަޅުގަނޑު ސޯޝަލް މީޑިއާގައި އެއްޗެއް ލިޔުނަސް އަޅުގަނޑަކަށް އަދި އަޅުގަނޑުގެ މަސައްކަތަކަށް ފިޔަވަޅެއް ނޭޅޭނެ. އެހެންނަމަވެސް ނޫސްވެރިންއެއްނަމަ އަދި ބްރޯޑްކާސްޓްކުރާ ފަރާތެއްނަމަ އެފަރާތަކަށް ފިޔަވަޅު އެޅޭނެ," ބަންޑާރަ ނައިބު ވިދާޅުވިއެވެ.
ބިލަށް 14 އިސްލާހެއް ބަންޑާރަ ނައިބުގެ އޮފީހުން ހުށަހަޅުއްވާފައިވާއިރު، މި ބިލުގެ ސަބަބުން ހުއްޓިގެންދާނީ ނޫސްވެރިންނާއި މީޑިއާތަކުގެ ސޯޝަލް މީޑިއާ އެކައުންޓްތައް މެދުވެރިކޮށް މީހުންގެ އަބުރު ކަތިލުމާއި ހަގީގަތާ ޚިލާފު ވާހަކަތައް ފެތުރުންކަމަށް އޭޖީ ފާހަގަކުރެއްވިއެވެ.
ޤާނޫނު އަސާސީން ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ލިބިދޭ ފަދައިން ކޮންމެ މީހެއްގެ އަބުރު ޙިމާޔަތްކުރުމުގެ ޙައްގުވެސް ލިބިދޭކަން ފާހަގަކުރައްވައި، މީޑިއާތަކުން މީހުންގެ އަބުރު ކަތިލުމަށް ލިޔާ ދޮގު ޚަބަރުތަކުގެ މައްސަލައަށް މިވީ ދިގު ތާރީޚުގައި ޙައްލެއް ލިބިފައި ނެތްކަމަށާއި، މި ބިލާއެކު އެ މައްސަލައަށް ޙައްލެއް އަންނާނެކަމަށް ބަންޑާރަ ނައިބު ވިދާޅުވިއެވެ.
އަދި ބިލުގައި ތެދު މަޢުލޫމާތު ފެތުރުމުގެ މިންގަނޑުތަކެއް ކަނޑައަޅާފައިވާނެކަމަށާއި، ކަނޑައެޅިގެން ދޮގުކަން އެނގޭ ނުވަތަ ދޮގަކަށްވެދާނެކަމުގެ ފުރުސަތު ބޮޑު މަޢުލޫމާތު މީޑިއާގެ އެއްވެސް ވަސީލަތަކުން ހާމަކުރުން މަނާކުރާނެކަމަށްވެސް އޭޖީ ވިދާޅުވިއެވެ.



