ބެސްޓިނެޓާއެކު ވެފައިވާ އެއްބަސްވުމަށް ކުރީ ސަރުކާރުން އަމަލުނުކޮށް 5 އަހަރުވެފައިވާތީ، އެ ކުންފުންޏަށް ބޮޑު އަދަދެއްގެ ބަދަލު ދޭންޖެހޭ ކަމަށް ބަންޑާރަނައިބު އަލްއުސްތާޛް އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ބަންޑާރަނައިބު މިހެން ވިދާޅުވެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. މުޙައްމަދު ޝަމްހީދު، ބިދޭސީ މަސައްކަތްތެރިން ގެނައުމުގެ ކަންކަން ބެސްޓިނެޓް ކުންފުންޏާ ހަވާލުކުރުމާ ގުޅޭގޮތުން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ބަންޑާރަނައިބުގެ ވާހަކަފުޅުގައި، 2016 ވަނަ އަހަރު އިމިގްރޭޝަނުން ބެސްޓިނެޓާއެކު އެއްބަސްވުމުގައި ސޮއިކުރި ނަމަވެސް، 2019 ވަނަ އަހަރު ބިދޭސީން ގެނައުމުގެ މަސައްކަތް އިކޮނޮމިކް މިނިސްޓްރީގެ ދަށަށް ބަދަލުކޮށް، ބަންގްލަދޭޝްގެ މަސައްކަތްތެރިން އެއް އަހަރު ދުވަހަށް ނުގެނެވޭ ގޮތަށް ހެދުމުން އެއްބަސްވުން ތަންފީޒުނުކުރެވި ހުއްޓިފައި އޮތް ކަމަށް ފާހަގަކުރެއްވިއެވެ.
ބަންޑާރަނައިބު ވިދާޅުވިގޮތުގައި، ބެސްޓިނެޓުން ބަދަލުގެ ގޮތުގައި 13.7 މިލިއަން ޑޮލަރާއި އެހެނިހެން ގެއްލުމުގެ ބަދަލު ހޯދުމަށް ވަނީ ހުށަހަޅާފައެވެ. އަދި މި މައްސަލައިގައި ޝަރުޢީ މަރުހަލާއަކަށް ދާނަމަ، ބެސްޓިނެޓުން އެދިފައިވާ ބަދަލު އެފަރާތަށް ނަގައިދިނުމުގެ ފުރުސަތު ބޮޑުކަން ފާހަގަކުރެވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން، އާބިޓްރޭޝަނަށް ދިޔުމުން ދައުލަތުން ބޮޑެތި ޚަރަދުތަކެއް ކުރަންޖެހޭނެތީ، ބެސްޓިނެޓާއެކު އައު އެއްބަސްވުމެއް ހެދުމަށް ބަންޑާރަނައިބު ވަނީ ލަފާ ދެއްވާފައެވެ.



