މިދިޔަ ސަރުކާރުގައި ހިންގައިފައިވާ 2.2 ބިލިއަންގެ ޚިޔާނާތެއްގެ މައުލޫމާތު ހާމަކޮށްފި

ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ފެނަކަ ކޯޕަރޭޝަންގެ ތެރެއިން ދައުލަތުގެ 2.2 ބިލިޔަން ރުފިޔާއަށް ޚިޔާނާތްތެރިވެފައިވާކަން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުއްވި ހާއްސަ އޮޑިޓް ރިޕޯޓަކުން ހާމަވެއްޖެއެވެ.

އޮޑިޓަރ ޖެނެރަލްގެ ރިޕޯޓުން ހާމަވާ ގޮތުގައި، މިއީ ރާއްޖޭގެ ތާރީޚުގައި ދައުލަތުގެ ކުންފުންޏެއްގެ ތެރެއިން މިހާތަނަށް ހިންގާފައިވާ އެންމެ ބޮޑު ވައްކަމެވެ. އެމްޑީޕީ ސަރުކާރުގައި ފެނަކައިން އެކި މަޝްރޫއުތައް ހިންގުމަށް 674 އެއްބަސްވުން އެކުލަވާލާފައިވާއިރު، އޭގެ ގިނަ މަޝްރޫޢުތައް ވަނީ އާންމުކޮށް އިޢުލާނުކޮށް ބިޑަށް ނުލައި ހަވާލުކޮށްފައެވެ.

އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ބޮޑެތި ޚިޔާނާތްތަކުގެ ތެރޭގައި، ކަރަންޓު ކޭބަލް ގަތުމުގެ ނަމުގައި 790 މިލިއަން ރުފިޔާ، ޖަނަރޭޓަރު ސެޓު ގަތުމުގެ ނަމުގައި 552 މިލިއަން ރުފިޔާ، އަދި ޓްރާންސްފޯމަރު ގަތުމުގެ ނަމުގައި 396 މިލިއަން ރުފިޔާގެ ޚިޔާނާތް ހިމެނެއެވެ. މީގެއިތުރުން، ފެނާއި ނަރުދަމާ މަޝްރޫޢުތައް ހިންގުމުގެ ނަމުގައި 496 މިލިއަން ރުފިޔާގެ ޚިޔާނާތްތެރިވެފައިވާކަން ވަނީ ފާހަގަކުރެވިފައެވެ.

ސަރުކާރުގެ އިސް އޮފިޝަލެއްގެ ބަހުން، މި ޚިޔާނާތަކީ 1990 ގައި ފަޅާއެރި އެފްޕީއައިޑީ އަދި 2015 ގައި ފަޅާއެރި އެމްއެމްޕީއާރުސީގެ ޚިޔާނާތަށްވުރެވެސް ބޮޑު ޚިޔާނާތެކެވެ. އަދި މިއީ ވޭތުވެދިޔަ 100 އަހަރު ދިވެހިރާއްޖޭގައި ހިނގި އެންމެހައި ޚިޔާނާތްތަކާ އަޅާބަލާއިރު ނުބައްދަލު ވަރުގެ ބޮޑު ޚިޔާނާތެއްކަން ފާހަގަކުރެވެއެވެ.

މި މައްސަލައާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަނުން ދަނީ ތަޙުޤީޤުތައް ކުރިއަށް ގެންދަމުންނެވެ. ބައެއް މައްސަލަތައް ވަނީ ކޯޓަށް ފޮނުވާފައިވާއިރު، ތުހުމަތުކުރެވޭ ފަރާތްތަކުގެ ތެރެއިން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ އަރިސް ބޭފުޅެއްކަމަށްވާ، ފެނަކަ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ސައީދުގެ ޕާސްޕޯޓްވެސް ވަނީ ހިފަހައްޓާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ