ދެމެހެއްޓެނިވި ފަތުރުވެރިކަން ކުރިއެރުވުމަށް ގުޅިގެން މަސައްކަތް ކުރުމަށް ވަޒީރު ޠާރިޤު ގޮވާލައްވައިފި

ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ދުވަހާ ގުޅުވައިގެން ފޮނުއްވި ވީޑިއޯ މެސެޖެއްގައި، ދެމެހެއްޓެނިވި ފަތުރުވެރިކަން ކުރިއެރުވުމަށް ގުޅިގެން މަސައްކަތް ކުރުމަށް ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު ޠާރިޤު އިބްރާހިމް ގޮވާލައްވައިފިއެވެ.

ވަޒީރު ޠާރިޤު ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ އެންމެހައި ފަރާތްތަކުގެ ބުރަ މަސައްކަތުގެ ސަބަބުން، މިއަދު ރާއްޖެއަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވޭ ފަތުރުވެރި މަންޒިލަކަށް ވެފައިވެއެވެ. އަދި މި ދާއިރާއަކީ އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީގައި މުހިންމު ދައުރެއް އަދާކުރާ ދާއިރާއެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"މިއަހަރުގެ ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ދުވަހުގެ ޝިޢާރުގެ ދަށުން ވެށި ހިމާޔަތްކުރުމާއެކު ފަތުރުވެރިކަމުގެ ދާއިރާ ތަރައްޤީކޮށް، ސަގާފަތް ދިރުވައި އާލާކުރުމަށާއި ފަތުރުވެރިކަމުގެ ފައިދާ މުޖުތަމަޢުގެ ހުރިހައި ފަރުދުންނަށް ކުރުމަށް ގޮވާލަން،" ވަޒީރު ވިދާޅުވިއެވެ.

ބައިނަލްއަގުވާމީ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރު ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާ 1.6 ޓްރިލިއަން އެމެރިކާ ޑޮލަރަށް އަރާފައިވާއިރު، މިއަހަރު އެކި ޤައުމުތަކަށް ދަތުރުކުރާ ފަތުރުވެރިންގެ އަދަދު 3-5 އިންސައްތައިން އިތުރުވާނެކަމަށް ލަފާކުރެވެއެވެ. މި ކުރިއެރުން ރާއްޖެއިންވެސް ފެންނަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން، ރާއްޖެއަކީ ދެމެހެއްޓެނިވި އަދި އެންމެން ޝާމިލުވާ ފަތުރުވެރި މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމަށްޓަކައި، ކުރިއަށް އޮތްތަނުގައިވެސް އުމްރާނީ ގޮތުންނާއި އީޖާދީ އަދި މާކެޓިން ދާއިރާއިން ސަރުކާރުން އިންވެސްޓްކުރާނެކަން ވަޒީރު ޠާރިޤު އިބްރާހިމް ހާމަކުރެއްވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ