ދިވެހިރާއްޖޭގެ ފަތުރުވެރިކަން، ދުނިޔޭގައި ހޯދާފައިވާ މަޤާމު ދަމަހައްޓައި، ދެމެހެއްޓެނިވި ސިނާޢަތެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ދެއްވައިފިއެވެ.
މިއަދު ފާހަގަކުރެވޭ ޤައުމީ ފަތުރުވެރިކަމުގެ ދުވަހާ ގުޅިގެން ވަޒީރު ވަނީ އެންމެހާ ފަރާތްތަކަށް ތަހުނިޔާ އަރިސްކުރައްވާފައެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވެފައިވަނީ، "ފަތުރުވެރިކަމުގެ ސިނާޢަތަކީ، ރާއްޖޭގެ އިޤްތިޞާދު ކޮޅަށް ނަގާ، ދިވެހީންގެ ދިރިއުޅުމަށް ހެޔޮ އެތައް ބަދަލުތަކެއް ގެނެސްދިން މަސައްކަތެއް" ކަމަށެވެ.
މި ސިނާޢަތުގެ ކުރިއެރުން ދެމެހެއްޓުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މި ސިނާޢަތަކީ ދެމެހެއްޓެނިވި އަދި ކޮންމެ ފަތުރުވެރިއެއްގެ ބޭނުންތަކަށް ޚިދުމަތް ދެވޭ ފެންވަރުގެ ފަތުރުވެރިކަމެއްގެ ގޮތުގައި ދެމެހެއްޓުމަށް ކުރަމުންދާ މަސައްކަތްތައްވެސް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއެރުވުމުގައި އެ ސިނާޢަތުގެ ބައިވެރިންނާއި ޕްރޮފެޝަނަލުންނާއި ރައްޔިތުން ކުރައްވަމުންދާ މަސައްކަތަށް ވަޒީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި ޤައުމީ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރަނީ، މި ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ކަމެއްގެ ގޮތުގައި، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދުވަސް، ޤައުމީ ފެންވަރުގައި ފާހަގަކުރަން ފެށިފައިވަނީ 2021 ވަނަ އަހަރުން ފެށިގެންކަން ފާހަގަކުރެވެއެވެ.



