ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބި، މި އަހަރުގެ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހާ ހަމައަށް 1.8 މިލިޔަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފިއެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު %9.9 ގެ ކުރިއެރުމެކެވެ.
މި އަހަރުގެ ނޮވެމްބަރު 27 ގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 1,804,515 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިދިޔަ އަހަރުގެ އެއް މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 1,641,937 ފަތުރުވެރިންނެވެ. މި އަދަދުތަކުން ދައްކަނީ 2024 ވަނަ އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީޚުގައި މިހާތަނަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރި އަހަރެއްގެ ގޮތުގައި ފާހަގަވެގެންދާނެ ކަމުގެ އުންމީދު ބޮޑުވެފައިވާ ކަމެވެ.
ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ މާކެޓުތަކަށް ބަލާއިރު، ޗައިނާއިން ވަނީ އެއްވަނަ ހޯދާފައެވެ. ޗައިނާއިން 291,573 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ދެވަނައިގައި އޮތީ 223,857 ފަތުރުވެރިންނާއެކު ރަޝިއާއެވެ. އަދި ތިންވަނައިގައި 159,615 ފަތުރުވެރިންނާއެކު އިނގިރޭސިވިލާތް އޮތްއިރު، ޖަރުމަނުވިލާތުން 132,394 ފަތުރުވެރިންނާއި އިޓަލީވިލާތުން 119,261 ފަތުރުވެރިން ވެސް ވަނީ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.
ޗުއްޓީ ހޭދަކުރި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ އަދަދެއް، ނުވަތަ 1,332,533 ފަތުރުވެރިން، ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓްތަކުގައެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ގެސްޓްހައުސްތަކަށެވެ. އެއީ 386,692 ފަތުރުވެރިންނެވެ. މިވަގުތު ރާއްޖޭގައި ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް 1286 ތަން ހުޅުވާފައިވާއިރު، އެ ތަންތަނުގެ ޖުމްލަ އެނދުގެ ކެޕޭސިޓީ 64,994 އަށް އަރައެވެ.
ސަރުކާރުން މިއަހަރަށް އަމާޒު ހިފާފައިވަނީ 2.3 މިލިޔަން ފަތުރުވެރިން ރާއްޖެއަށް ގެނައުމަށެވެ. މި އަމާޒަށް ވާސިލްވުމަށްޓަކައި ދެން އިތުރަށް ބޭނުންވަނީ 5 ލައްކަ ފަތުރުވެރިންނެވެ. މިހާރު ރާއްޖެއަށް އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 6200 އަށްވުރެ ގިނަ ފަތުރުވެރިން އާދެއެވެ. މި ސްޕީޑުގައި ކުރިއަށް ދާނަމަ، އަހަރު ނިމުމުގެ ކުރިން ސަރުކާރުގެ އަމާޒަށް ވާސިލްވުމުގެ ފުރުސަތު ބޮޑުކަމަށް ފަތުރުވެރިކަމުގެ ދާއިރާގެ މާހިރުން ދެކެއެވެ.



