ތަންފީޒީ އިދާރާތަކުގައި ޚިދުމަތްކުރާ މުވައްޒަފުންގެ މެދުގައި އެއްވެސް ތަފާތުކުރުމެއް ނުގެންގުޅޭނެކަމަށާއި، މުހިންމީ ހުނަރާއި ޤާބިލުކަމާއި މަސައްކަތަށް ބަހައްޓާ ޝަޢުގުވެރިކަންކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވޭ ވިމެން އިން ޕޮލިސިން ސަމިޓުގައި ދިވެހި ފުލުހުންގެ ޚިދުމަތާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް، މޯލްޑިވްސް އިމިގްރޭޝަން އަދި މޯލްޑިވްސް ކަސްޓަމްސް ސަރވިސް ހިމެނޭގޮތަށް "ދި އިންޓަރ އެޖެންސީ ޑިކްލަރޭޝަން އޮން ލީޑަޝިޕް ކެޕޭސިޓީ ޑިވެލޮޕްމަންޓް އޮފް ވިމެން އިން ސެކިއުރިޓީ އެންޑް އެންފޯސްމަންޓް ސެކްޓަރ އޮފް ދަ މޯލްޑިވްސް" ގައި ސޮއިކުރެވުނެވެ.
ވަޒީރު އިޙްސާން ވިދާޅުވި ގޮތުގައި މި މަސައްކަތަކީ ރާއްޖޭގައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ދާއިރާގައި އަންހެނުންނަށް ހަމަހަމަ ފުރުސަތު ހޯދައިދިނުމަށް ހުޅުވިގެންދާ މުހިންމު ދޮރެކެވެ. އަދި ތަންފީޒީ ދާއިރާތަކުގައި މަސައްކަތްކުރާ އަންހެނުންގެ ހިތްވަރާއި ޢަޒުމަކީ، މުޖުތަމަޢުގެ ރައްކާތެރިކަމަށް ލިބޭ ކުރިއެރުމެއްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
"ޤާނޫނު ތަންފީޒުކުރުމުގެ ދާއިރާގައި އަންހެނުންގެ ދައުރު ފުޅާކުރުމަކީ ސަރުކާރު އަދި ރައީސްގެ ބޮޑު ތަޞައްވުރެއް. ޒަމާނީ ތަމްރީންތަކާއި ތަޢުލީމާއި، ކުރިއަރާ ދިއުމުގެ ފުރުސަތު މިފަދަ އިދާރާތަކުގެ އަންހެން މުވައްޒަފުންނަށް މިވަނީ ފަހިވެފައި،" ވަޒީރު ވިދާޅުވިއެވެ.
މީގެއިތުރުން، ބައިނަލްއަޤްވާމީ އިދާރާތަކާއެކު އޮންނަ ގުޅުމަކީ ތަންފީޒީ އިދާރާތަކުގެ ކުރިއެރުމަށް ލިބޭ ބޮޑު ބާރެއްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ދުނިޔޭގެ ކުރިއަރާފައިވާ އިދާރާތަކާއި ޤައުމުތަކުގެ ތަޖުރިބާކާރުންގެ ޚިޔާލާއި ތަޖުރިބާއިން ރާއްޖޭގެ ސަލާމަތީ ދާއިރާއަށް ފައިދާކުރާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.



