އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު މިމަސް ނިމުމުގެ ކުރިން މަޖިލީހަށް ހުށަހެޅުމަށް ތައްޔާރު

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު މިމަސް ނިމުމުގެ ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ވާންޖެހޭ ތައްޔާރީތައް ވެފައިވާކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. ޤާނޫނުގައިވާ ގޮތުގެ މަތިން، ކުރިއަށްއޮތް އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް އަހަރު ނިމުމުގެ ދެ މަސްދުވަސް ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށައަޅަންޖެހެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ލ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ވަޒީރު މޫސާ ޒަމީރު ވިދާޅުވީ ބަޖެޓު ތައްޔާރުކުރުމަށްޓަކައި ހުރިހާ މަޢުލޫމާތެއް އެއްކޮށް، ބަޖެޓު ތައްޔާރުކުރުމުގެ މަސައްކަތް ނިމުމަކާ ގާތަށް ގޮސްފައިވާކަމަށެވެ. އަދި ފުރަތަމަ ޑްރާފްޓް ތައްޔާރުކުރުމަށްފަހު، އަންނަ އަހަރު ކުރިއަށްގެންދާ މަޝްރޫޢުތައް ބަޖެޓުގައި ހިމެނުމުގެ މަސައްކަތް ކުރައްވަމުން އަންނަކަމަށް ވަޒީރު ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި އިޢުލާން ކުރައްވާ މަޝްރޫޢުތައްވެސް ބަޖެޓުގައި ހިމެނުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ.

ބަޖެޓަށް ފައިނޭންސް ހޯދުމުގެ ސްޓްރެޓެޖީއާ ގުޅޭގޮތުން ވަޒީރު ޒަމީރު ވިދާޅުވީ، ރާއްޖޭގެ ޢާމްދަނީއަށް ބަލައިގެން ބަޖެޓު ކުރިއަށް ގެންދާއިރު، ބައެއް މަޝްރޫޢުތަކަށް ސަޕްލަޔަރ ކްރެޑިޓް ނޫންނަމަ ކޮންޓްރެކްޓަރ ފައިނޭންސިން މެދުވެރިކޮށް ފައިސާ ހޯދާނެކަމަށެވެ. އަދި ހިލޭ އެހީއާއި، މަލްޓިލެޓްރަލް އެޖެންސީތަކުން ލިބޭ ލޯނާއި، ރައީސްގެ ބައެއް ދަތުރުތަކުން ބޭރުގެ ޤައުމުތަކުން ލިބޭ އެހީތައްވެސް ބަޖެޓް ފައިނޭންސް ކުރުމަށް ބޭނުންކުރާނެކަމަށް ވިދާޅުވިއެވެ. ވަޒީރު އިތުރަށް ވިދާޅުވީ: "ބަޖެޓު ތައްޔާރުކުރަމުންދާއިރު ރައީސް ވަޢުދުވެވަޑައިގެންފައި އޮތްގޮތަށް ތައްޔާރުކޮށް އާމްދަނީއާއި މެޗްކޮށްގެން ޕްރޮޖެކްޓްތައް ޑެލިވަރ ކުރާނަން."

އަންނަ އަހަރުގެ ބަޖެޓުގައި ހިމެނޭ ޚަރަދުތަކުގެ ތެރޭގައި ރިކަރަންޓް ޚަރަދުތަކާއި ކެޕިޓަލް ޚަރަދުތައް ހިމެނެއެވެ. މީގެ ތެރޭގައި މަހުން މަހަށް ސަރުކާރު ހިންގުމުގެ ޚަރަދުތަކާއި، މަޝްރޫޢުތައް ހިންގުމަށް ކަނޑައަޅާ ޚަރަދުތަކުގެ އިތުރުން ލޯނު ދެއްކުމުގެ ޚަރަދުތައް ހިމެނެއެވެ. ބަޖެޓުގައި ސަރުކާރަށް އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކުރާނެ ޢަދަދުތައްވެސް ހިމަނާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އަންނަ އަހަރުގެ ބަޖެޓާ ގުޅޭގޮތުން ބައެއް އިސްކަންދޭ ކަންތައްތައް ހާމަކުރައްވާފައެވެ. އެގޮތުން، މުޅި ރާއްޖެ ޑިޖިޓަލައިޒްކުރަން ސަރުކާރުން ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢަށް އިސްކަން ދެއްވާނެކަމަށާއި، ބޯހިޔާވަހިކަމަށް އެއް ބިލިޔަނަށްވުރެ ގިނަ ރުފިޔާ ކަނޑައަޅުއްވާނެކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

ހިނގަމުންދާ އަހަރަށް ސަރުކާރުން 56.6 ބިލިޔަން ރުފިޔާގެ ބަޖެޓެއް ފާސްކުރިއިރު، ކުރީގެ ދެ އަހަރުގެ އެންމެ ބޮޑު ޢަމާޒަކަށްވީ ދަރަނިތައް އަދާކުރުމެވެ. ކުރިއަށް އޮތް އަހަރުތަކަކީ ޢުމްރާނީ ތަރައްޤީގެ ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންދާނެ އަހަރުތަކެއްގެ ގޮތުގައި ސަރުކާރުން ވަނީ ސިފަކުރައްވާފައެވެ. މި ބަޖެޓަކީ އެ ތަރައްޤީގެ މަސައްކަތްތަކަށް މަގުފަހިކޮށްދޭނެ ބަޖެޓެއްކަމަށް ބެލެވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ