ސަރުކާރުން ތަޢާރަފުކުރާ ޓެކްސީ ލައިންގެ ޚިދުމަތް އަންނަ ޖެނުއަރީ މަހުގެ ނިޔަލަށް ފެށޭނެކަމަށް ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
މި ޚިދުމަތް ފެށުމަށް ކުރިން އަމާޒުކޮށްފައިވަނީ މިއަހަރުގެ އޮގަސްޓް މަހަށް ނަމަވެސް، ޚާއްޞަކޮށް ރާއްޖޭގެ މާޙައުލަށް އެކަށޭނަ ގޮތަށް އިލެކްޓްރިކް އުޅަނދުތައް (އީވީ) ބަދަލުކުރުމުގެ މަސައްކަތްތަކުގެ ސަބަބުން ލަސްވުންތަކެއް ދިމާވެފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
ސަރުކާރުން މި ޚިދުމަތް ތަޢާރަފުކުރަނީ ޓެކްސީ ހޯދުމުގައި އާއްމުންނަށް ދިމާވާ ދަތިތައް ޙައްލުކޮށް، ބަރޯސާވެވޭ ލުއިފަސޭހަ ދަތުރުފަތުރުގެ ނިޒާމެއް ޤާއިމުކުރުމުގެ މަޤްޞަދުގައެވެ. މި ޚިދުމަތް ދިނުމަށް ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ.
ރައްޔިތުންގެ މަޖިލީހުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު އަމީން ވިދާޅުވީ، ރާއްޖެއަށް ގެންނަން ނިންމާފައިވާ އީވީ ކާރުތައް ރާއްޖޭގެ މާޙައުލާ ބީރައްޓެހި ގޮތަކަށް ފަރުމާކޮށް ގެނެސްފިނަމަ ގިނަ މައްސަލަތަކެއް ކުރިމަތިވާނެކަން އެ ކާރުތައް އުފައްދާ ކުންފުނިންވެސް ފާހަގަކޮށްފައިވާ ކަމަށެވެ. ރާއްޖޭގެ މާޙައުލަކީ މޫދާ ކައިރިވެ، ލޮނުގެ އަސަރު ގަދަ ތަނަކަށްވުމާއެކު، ލޮނުގެ އަސަރު ކުޑަވާނެގޮތަށް ކާރުތަކަށް ބައެއް މޮޑިފިކޭޝަންތައް ނުވަތަ ބަދަލުތައް ގެންނަންޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މިކަމުގެ ސަބަބުން ލަސްވުންތަކެއް ދިމާވި ނަމަވެސް، އުޅަނދުތަކަށް ބޭނުންވާ ބަދަލުތައް ގެނައުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށާއި، ކުރިއަށްއޮތް ތިން މަހުގެ ތެރޭގައި އުޅަނދުތައް ގެނެސް ޚިދުމަތް ފެށޭވަރަށް މަސައްކަތްތައް ކުރިއަށްދާކަމަށެވެ. "އީވީ ވެހިކަލްވީމަ އެކި ކަހަލަ މައްސަލަ ކުރިމަތިވޭ، މާޙައުލަށް ނުފެތޭނަމަ. ރާއްޖޭގައި ވަރަށް ލުނުގެ އަސަރުކުރާނެ. އެހެންވީމަށް އެކަމަށް ބަލާ، އުޅަނދުތަކަށް ގެންޖެހޭ ބަދަލުތައް މި ގެންނަނީ. އެހެންވެސް ލަސްތަކެއް އުޅެނީ. ނަމަވެސް މިއަހަރު ނިމޭއިރު ނުވަތަ ޖެނުއަރީ މަހުގެތެރޭގައި ޚިދުމަތް ފަށާނަން،" ވަޒީރު އަމީން ވިދާޅުވިއެވެ.
ސަރުކާރުގެ ޓެކްސީ ލައިންގައި ބޭނުންކުރާނީ %100 ތިމާވެއްޓާ ރައްޓެހި އިލެކްޓްރިކް އުޅަނދުތަކެވެ. މި ޚިދުމަތުގައި ތިން ސައިޒެއްގެ އުޅަނދު ހިމެނޭއިރު، މިއީ 24 ގަޑިއިރު ދޭނެ ޚިދުމަތެކެވެ. ޑްރައިވަރުން ހޯދުމުގައި ދާއިމީ ވަޒީފާގެ އިތުރުން ޕާޓް ޓައިމްކޮށް ދުއްވުމުގެ ފުރުޞަތުވެސް ހުޅުވާލެވޭނެއެވެ.
ސަރުކާރުން ފަށާ މި ޓެކްސީ ލައިންގެ ޚިދުމަތާއެކު، ޓެކްސީ ޚިދުމަތަކީ އާއްމުންނަށް ބަރޯސާވެވޭ އަދި ލުއިފަސޭހަ ޚިދުމަތަކަށް ވެގެންދާނެކަމަށް ސަރުކާރުން އުންމީދުކުރައްވައެވެ.




