ކޮޕާ އެމެރިކާގައި ރޭ ކުޅެވުނު ގްރޫޕް ސީ ގެ ފަހުމެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ޗިލީ ބަލިކޮށް އުރުގުއާއީ ގްރޫޕްގެ އެއްވަނައިގެ ގޮތުގައި ކުއާޓާއަށް ދަތުރުކޮށްފިއެވެ.
1-0 ގެ ނަތީޖާއަކުން ނިމުނު މިމެޗުގެ ހަމައެކަނި ލަނޑު ޖަހައިދިނީ އެޑިސަން ކަވާނީއެވެ. މެޗުގެ 82 ވަނަ މިނަޓްގައި ފެނިގެން ދިޔަ މިލަނޑަކީ ކަވާނީ ބޮލުން ކާމިޔާބުކޮށްދިން ލަނޑެކެވެ.
ފިޒިކަލް ގޭމެއް ފެނިގެންދިޔަ މިމެޗުގައި ލަނޑު ޖަހާނެ ގިނަ ފުރުޞަތުތަކެއްވަނީ ދެޓީމަށްވެސް ލިބިގެން ގޮސްފައެވެ. ސުއަރޭޒްއަށް ލިބުނު ބޯޅައެއް ކީޕަރު ނައްޓާލައި ރަނގަޅު ޕާހެއް ނުދެވުނުއިރު، ޗިލީއިން ފޮނުވާލި ހަމަލާއެއް އުރުގުއާއީގެ ގޯލް ރޮނގުމަތިން އެޓީމުގެ ޑިފެންޑަރުން ދިފާޢުކޮށްފައިވެއެވެ.
ރޭގެ މޮޅާއެކު ގްރޫޕް ސީ ގެ އެއްވަނަ އުރުގުއާއީއަށް ލިބެނީ ޖުމްލަ 7 ޕޮއިންޓާއެކުގައެވެ. އަދި 6 ޕޮއިންޓާއެކު ދެވަނަ ލިބެނީ ޗިލީއަށެވެ. އުރުގުއާއާި އަދި ޗިލީވެސް ވަނީ މުބާރާތުގެ ކުއާޓާއަށް ދަތުރުކޮށްފައެވެ.
މުބާރާތުގެ ކުއާޓާ ފައިނަލްގައި ވާދަކުރާ ޓީމުތައް މިހާރުވަނީ ޔަޤީންވެފައެވެ. އެގޮތުން އުރުގުއާއި ބައްދަލުކުރަންޖެހޭނީ ޕެރޫއާއެވެ. އަދި ޗިލީ ބައްދަލުކުރަންޖެހޭނީ ކޮލަމްބިއާއާއެވެ. ކުއާޓާގެ އަނެއް ދެމެޗުގައި ބްރެޒިލް އަދި ޕެރެގުއާއީ ބައްދަލުކުރާއިރު އާޖެންޓީނާ ބައްދަލުކުރަން ޖެހޭނީ ވެނެޒުއޭލާއެވެ.




