ކ.މާފުށިން ޖަލު އޮފިސަރަކަށް ހަމަލާދިން މައްސަލަ ބަލަމުންދާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ، މާފުށީ މަގުމަތިން ދިޔަ ޖަލު އޮފިސަރަކަށް ހަމަލާދިނުމުގެ މައްސަލައެއް މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ހުށަހެޅިފައިވާ ކަމަށާއި، އެ މައްސަލަ ތަޙްޤީޤު ކުރުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ.
މިވަގުތު ހާލަތަށް ބަލާފައި މާފުށި ރަށުތެރެ ބެލެހެއްޓުން ފުލުހުން އިތުރަށް ވަރުގަދަ ކޮށްފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މަންޒަރު ދުށް ފަރާތަކުން "ފެށުން އޮންލައިން" އަށް ބުނީ ކަރެކްޝަންސް އޮފިސަރަށް ހަމަލާދީފައިވަނީ މިމަހުގެ 23 ވަނަ ދުވަހުގެ ހެނދުނު 07:30 ހާއިރު ކަމަށާއި، ހަމަލާދީފައިވަނީ ސައިކަލެއްގައި އައި ދެމީހުންގެ ތެރެއިން ސައިކަލުގެ ފަހަތުގައި ހުރި މީހާ ކަމަށެވެ.
މި މާރާމާރީ ހިންގާފައިވަނީ މާފުށީ ޖަލުގައި މަސައްކަތްކުރާ ތިން އޮފިސަރަކު އޮފް ޑިއުޓީގައި ހެނދުނު ކުޅެން ގޮސްފައި އައި މަގުމަތީގައި ކަމަށާއި، ހަމަލާ ދިން މީހާ އޮފިސަރުގެ މޫނުމަތީގައި ދެތިން ފަހަރު ޖަހާ އަޅައިގެން ހުރި އައިނު ހަލާކުކޮށްލާފައި، މޫނުމަތި ފަޅަލާފައިވާ ކަމަށްވެސް މަންޒަރުދުށް ފަރާތުން މި ނޫހަށް ބުންޏެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އޮފިސަރަށް ހަމަލާ ދީނުމުގެ ކުރިން ތިން މީހަކު ހިނގާފައި އައިސް، ޖަލުގައި އަނިޔާކުރި އޮފިސަރަކު އެތަނުގައި ހުރިތޯ ސުވާލުކޮށްފައިވެއެވެ. އަދި އެތަނުގައި އޭގެން މީހަކު ނެތްކަމަށް ބުނުމުން ދިއުމަށްފަހު ފަހުން ސައިކަލެއްގައި ދެމީހަކު އައިސް އޮފިސަރަށް ހަމަލާދިނީ ކަމަށް މި ނޫހަށް މަޢުލޫމާތު ލިބިފައިވެއެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، ކަރެކްޝަންސް ސަރވިސްގެ އެދުމުގެ މަތިން މާފުށީ ޖަލުގައި ފުލުހުންގެ ބެކަޕް ޓީމެއް "ސްޓޭންޑްބައި" ގައި ތިބި ކަމަށެވެ.




