މައްސަލައިގެ ބާވަތާއި ވަގުތުގެ ގޮތުން ލުޠުފީ ރާއްޖެ ގެނައުމުގައި ދަތިތަކެއް އެބަހުރި - ސަރުކާރު


1988 ވަނަ އަހަރު 19 ދިވެހިން ޝަހީދުކޮށްލި، ރާއްޖެއަށް ދިން އުދުވާނީ ހަމަލާގެ މޭސްތިރިޔާ ހ. ހާޖަރާގޭ ޢަބްދުﷲ ލުތުފީ ރާއްޖެ ގެނައުމުގައި ދަތިތަކެއް އެބަހުރިކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވީ، މައްސަލައިގެ ބާވަތުން، ޢަބްދުﷲ ލުޠުފީ އަނބުރާ ދިވެހި ސަރުކާރުގެ ބެލުމުގެ ދަށަށް ގެނައުމުގައި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.

"ޢަބްދުﷲ ލުޠުފީގެ މައްޗަށް އިންޓަރޕޯލްއިން ރެޑް ނޯޓިސް ނެރެފައިވުމުން، ބައިނަލްއަޤްވާމީ ގޮތުން ފުރިހަމަކުރަން ޖެހޭ އިޖުރާޢަތްތަކެއް ހުރި. އަދި، ސްރީލަންކާގައި މީނާ ދިރިއުޅެމުން ދިޔައީ ސައްޙަ ވިސާއަކާ ނުލައި، ފިލައިގެންކަމުން، އިންސާނީ ޙައްޤުތަކުގެ މައްޗަށް ބިނާކޮށް އެޤައުމުގެ ޙިމާޔަތް ހޯދުމަށް މަސައްކަތްކޮށްފައިވުމުން، ލަންކާގެ ޤާނޫނުތަކުގެ ދަށުން ފުރިހަމަކުރަން ޖެހޭ މަރުޙަލާތަކެއް ހުރި." ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.

ފާއިތުވި ސަރުކާރުން ދިވެހިރާއްޖެ ކޮމަންވެލްތުން ވަކިވުމަށް ނިންމުމާ ގުޅިގެން، ދިވެޖިރާއްޖެއާއި ސްރީލަންކާ ސަރުކާރާ ދެމެދު ވެފައި ކުށްވެރިން އަނބުރާ ފޮނުވާލުމުގެ އެއްބަސްވުމުގެ ސައްޙަކަމާމެދުވެސް ސުވާލު އުފެދިފައިވާކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ.

"ޢަބްދުﷲ ލުޠުފީ ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީއާ ޙަވާލުވި ދުވަސްވަރަކީ ސްރީލަންކާގައި ދިމާވި އީސްޓަރ ބޮމިންގގެ ހިތާމަވެރި ޙާދިސާއާ ދާދި އެއްދުވަސްވަރެއް ކަމަށް ވުމީ، މިކަމުގައި ދިމާވި އިތުރު ހުރަހެއްކަމުގައިވެސް ދަންނަވަން. ވުމާއެކު، ޢާއްމު ފަރުދަކު އަމިއްލަ އިޚްތިޔާރުގައި އެނބުރި ރާއްޖެ އައުމުގައި ޢާއްމުގޮތެއްގައި ޢަމަލުކުރާ އުޞޫލާއި ޚިލާފަށް، ޢަބްދުﷲ ލުޠުފީ އަނބުރާ ގެނައުމުގައި ގިނަގުނަ ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިފައިވޭ." ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ، ގޮންޖެހުންތައް ހުރިނަމަވެސް ފުރަތަމަ ދުވަހުން ފެށިގެން ޢަބްދުﷲ ލުޠުފީ އަނބުރާ ގެނައުމުގެ މަސައްކަތް ފެށި، އޭނާ ބެލެހެއްޓުމުގެ ކަންކަން މޯލްޑިވްސް ޕޮލިސް ސަރވިސްއާ ޙަވާލުކުރެވިފައިވާ ކަމަށެވެ.

އެކަށައެޅިފައިވާ ބައިނަލްއަޤްވާމީ އިޖުރާޢަތްތައް ފުރިހަމަކޮށް، ސްރީލަންކާއާއި، ދިވެހިރާއްޖޭގެ ޤާނޫނީ އިމުގެ ތެރެއިން، ވީއެންމެ އަވަސް ފުރުސަތެއްގައި އޭނާ އަނބުރާ ދިވެހި ސަރުކާރުގެ ބެލުމުގެ ދަށަށް ގެނައުމުގެ މަސައްކަތް ކެނޑިނޭޅި ކުރެވެމުންދާކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.

މިވަގުތު ލަންކާގައި ހުންނަ ދިވެހި އެމްބަސީގައި ދިވެހި ފުލުހުންގެ ބެލެހެއްޓުމުގެ ދަށުގައި ޢަބްދުﷲ ލުޠުފީ ހުރީ، 2019 މެއި 1 ވަނަ ދުވަހު އެމްބަސީއަށް އަމިއްލަ އިޚްތިޔާރުގައި ހާޟިރުވެ، ދިވެހި ސަރުކާރުގެ ބެލުމުގެ ދަށަށް އެނބުރި އައުމަށް އެދޭކަމަށް ބުނުމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ