ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް - ފޮޓޯ: މަޖިލިސް

ޔާމީނަށް އިންސާފު ލިބި މިނިވަންވާ ތަން ދެކެން ބޭނުން - އަސްލަމް

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް އިންސާފު ލިބި، މިނިވަންވާ ތަން ދެކެވަޑައިގަންނަވަން ބޭނުންފުޅުވާކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މުޚައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް މިހެން ވިދާޅުވީ، ޔާމީންގެ ސަރުކާރުގައި ބޮޑެތި ޖަރީމާތަކެއް ހިންގި ކަމަށް ބުނެ އެ މައްސަލަތަކުގެ ތަހުގީގުތައް އަވަސް ކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ހުށަހެޅި ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އަސްލަމް ވިދާޅުވީ، ސަރުކާރުގެ އެކި މަގާމުތަކާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ވެސް ދިގު މުއްދަތަކަށް ކުރެއްވި ޔާމީނަށް ކުރާ ތުހުމަތުތައް އިންތިހާ އަށް ގިނަ ކަމަށާއި، އެމަނިކުފާނާ ދެކޮޅަށް ތުހުމަތުކޮށް، ޝަރީއަތާއި ތަހުގީގު ކުރިއަށް ގެންދާ ނަމަ، ހާއްސަ އިސްކަމެއް ދީގެން އެ މައްސަލަތައް އަވަސް ކުރަން ޖެހޭ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމު އަދާކުރައްވާފައި ހުންނެވި ބޭފުޅަކަށް ކުރާ ތުހުމަތުތައް ނެތޭ ވަރަށް އިންސާފުވެރި ތަހުޤީޤަކާއި ޝަރީއަތެއް ހިންގުން މުހިންމު ކަމަށާއި، ޝަރީއަތުގެ މަރުޚަލާގައި އޮތް މައްސަލައެއް ނަމަ، އެ މައްސަލަތައް ކުރިއަށް ނުދަނީ ކީއްވެތޯ ބެލުމަކީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މަސްއޫލިއްޔަތެއް ކަމަށް އަސްލަމް ވިދާޅުވިއެވެ.

"ފަނޑިޔާރު ބޭނުންފުޅު ނުވަނީތޯ، ނުވަތަ އެހެން މައްސަލަތަކެއް ހުރިތޯ ބެލުމުގެ ޖާގަ އޮންނާނެ. އެހެންވީމާ އެ މައްސަލައާ ގުޅޭ ގޮތުން ދަންނަވާލަން ބޭނުންވަނީ މިކަން ކުރިއަށް ނުދަނީ ކީއްވެކަން ޖޭއެސްސީން އަވަހަށް ބައްލަވައި ދެއްވުމަށް،" އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ، ޔާމީނާ ދެކޮޅަށް ނުކުރާ ތުހުމަތެއް ނެތް ކަމަށާއި، އޭގެ ތެރޭގައި ވައްކަމާއި ހިޔާނާތުން ފެށިގެން ރައްޔިތުންގެ މަޖިލިހުގައި ހާމަކަން ބޮޑު ގޮތެއްގައި ނުދެއްކޭ ވަރަށް ތުހުމަތުތަކެއް ކުރެވޭއިރު، އެ ތުހުމަތުތަކުގެ ހަގީގަތް އެނގެން ޖެހޭ ކަމަށެވެ.

ކުރީގެ ރައީސް ޔާމީން "ހައްޔަރުކޮށްފައި" ނުވަތަ ރާއްޖެ އިން ބޭރަށް ވަޑައިނުގެންނެވޭ ގޮތް ވުމަކީ ގަބޫލުކުރައްވާ ކަމެއް ނޫން ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

"އަޅުގަނޑު އެދެނީ މި ތުހުމަތުތަކުން ބަރީއަވެވޭ މިންވަރަށް ޝަރީއަތްތަކާއި ތަހުގީގުތައް ހިންގައި އެމަނިކުފާނު [ޔާމީން] މިނިވަން ވެގެންދާ ތަން ފެނުން،" އަސްލަމް ވިދާޅުވިއެވެ.

ޔާމީނަށް ކުރާ ތުހުމަތުތަކާއެކު މިއަހަރުގެ ކުރީކޮޅު އެމަނިކުފާނު ހައްޔަރުކުރި ނަމަވެސް، ހައިކޯޓުން އެމަނިކުފާނު ވަނީ ދޫކޮށްލާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ