ޖޭއެސްސީގެ ރައީސް އަލްއުސްތާޛު ޢަބްދުﷲ ޢަރީފް - ފޮޓޯ: މަޖިލިސް

ޝަރީއަތް ލަަސްވަނީ ފަނޑިޔާރެއްގެ ސަބަބުންނަމަ ސުލޫކީ މައްސަލަބަލަން ނިންމައިފި

ޝަރުއީ ކޯޓްތަކަށް ހުށައެޅޭ މައްސަލަތައް ލަސްވަނީ ފަނޑިޔާރެއްގެ ސަބަބުންނަމަ އެފަނޑިޔާރެއްގެ ސުލޫކީ މައްސަލަބަލަން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭ.އެސް.ސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީން މިކަން ނިންމާފައިވަނީ މިއަދު ބޭއްވި އެކޮމިޝަންގެ 39 ވަނަ ބައްދަލުވުމުގައެވެ.

މިބައްދަލުވުމުގައި ޖުމްލަ 7 ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއިރު ސަލާމުގައި ދެބޭފުޅަކު އަދި ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއިން ބޭރުގައި އެއް ބޭފުޅަކު އުޅުއްވައެވެ.

މިޖަލްސާގައި ބައިވެރިވެވަޑައިގެންފައިވަނީ ކޮމިޝަންގެ ރައީސް އަލްއުސްތާޛު ޢަބްދުﷲ ޢަރީފް، ނައިބު ރައީސް އަލްއިސްތާޛު މަސްތޫރު ޙުސްނީ، މެންބަރު ރައީސް މުޙައްމަދު ނަޝީދު، މެންބަރު ޢަބްދުއްރައޫފު އިބްރާހީމް، މެންބަރު އަލްއުސްތާޛާ ޙިސާން ޙުސައިން، މެންބަރު ޢަލްއުސްތާޛު ޢަބްދުލްޙަންނާނު އަޙްމަދު އަދި މެންބަރު އަލްއުސްތާޛު އިބްރާހިމް ރިފްޢަތުއެވެ.

ސަލާމުގައި ހުންނެވީ ކޮމިޝަންގެ މެންބަރު އަލްއުސްތާޛު މުޙައްމަދު އީސާފުޅު އަދި މެންބަރު އަލްއުސްތާޛާ ލަތީފާ ޤާސިމްއެވެ. މީގެއިތުރުން ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއިން ބޭރެއިން އުޅުއްވާތީ މިއަދު ޖަލްސާގައި ބައިވެރިވަޑައިގެންނެވިފައިނުވަނީ ޑޮކްޓަރު ޢަލީ ޝަމީމްއެވެ.

ޖޭއެސްސީން ނިންމާފައިވަނީ ކޯޓަށް ހުށައެޅޭ މައްސަލަތައް ލަސްވާން ދިމާވާ މައިގަނޑު ސަބަބު ފަނޑިޔާރުންގެ ސަބަބުން ދިމާވާނަމަ، އެފަދަ ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ބެލުމަށެވެ. އަދި މިމަސައްކަތް އެންމެ ފުރަތަމަ ފަށާނީ ކްރިމިނަލް ކޯޓުން ކަމަށްވެސް މިބައްދަލުވުމުގައިވަނީ ނިންމާފައެވެ.

އަދި މިމައްސަލަބަލާ ކޮމިޓީގައި ހިމެނި ވަޑައިގަންނަވަނީ ކޮމިޝަންގެ ނައިބު ރައީސް އަލްއުސްތާޛު މަސްތޫރު ހުންސީ، މެންބަރު ޢަބްދުއްރައޫފް އިބްރާހީމް އަދި މެންބަރު އަލްއުސްތާޛާ ޙިސާން ޙުސައިންއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ