ޢީދު ޝޯތައް ފަޅުފިލުވާލަން ފަންނާނުން ތައްޔާރު، ބަލަން ތައްޔާރުތޯ!

ބޮޑުއީދަކީ ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި ކުލަގަދަކޮށް ފާހަގަކުރަމުން އަންނަ ދުވަހެކެވެ. އަދި އީދުގެ ފޯރިގަދަވަނީ ކޮންމެވެސް ކަހަލަ ޝޯވ އަކާއިވެސް އެކުގައިކަމަށް ގިނަ ޒުވާނުން ޤަބޫލުކުރެއެވެ.

ނިމިގެން މިދިޔަ ކުޑައީދުގައި އެންމެ ބޮޑަށް ފޯރިނަގައިފައި ވާ އެއްރަށަކީ ގއ.ގެމަނަފުއްޓެވެ. މަޝްހޫރު ފިލްމީތަރިން ކަމުގައިވާ ރިޝްމީ، ރަވީ، ޖުމައިހް، މަޖޫ، ޖުމައްޔިލް، އާޝާ، އަޒޭ އަދި ނަޒޫ ހިމެނޭ މި ޓީމުންވަނީ ގެމަނަފުށީގެ ރައްޔިތުންގެ ލޯބިހޯދައި އެރަށުގައި ކާމިޔާބުކަމާއިއެކު ވަރަށް ފޯރިގަދަ ޝޯއެއްކުރިއަށް ގެންގޮސްފައެވެ.

މި ޓީމުން އާޝާ ފިޔަވާއިއެހެން ހުރިހައި ފަންނާނުން މިފަހަރު ބޮޑު އީދުގައިވެސް ޝޯވތައް ދިނުމަށްވަނީ ހަމަޖައްސާފައެވެ. އެގޮތުން އެކަމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ އެއްފަރާތް ކަމުގައިވާ ރިޝްމީ "ފެށުން" އަށް މައުލޫމާތު ދެމުން ބުނީ ރަށްރަށުން ރިޝްމީމެން ޕާރފޯރމްކުރަން ގެންދަން ބޭނުންވާނަމަ މެސެޖް ކޮށްގެން ވެސް އެކަންތައް ހަމަޖެއްސޭނެ ކަމަށެވެ. މިހާރުވެސް ދެ ޝޯވ ހަމަޖެހިފައިވާކަމަށާއި އޭގެތެރެއިން އެއް ޝޯވ އޮންނާނީ ހއ.ހޯރަފުށީގައި ކަމަށްވެސް ރިޝްމީ ބުންޔެވެ. އަދި މީގެ އިތުރުންވެސް ގިނަ ރަށްރަށުން މިހާރުވެސް ވާހަކަ ދައްކަމުން އަންނަކަމަށްވެސް ރިޝްމީ ފާހަގަކުރިއެވެ.

މަޝްހޫރު ފަންނާނުންނަށް ދައުވަތު ދީގެން ގެނެސް ރަށްރަށުގައި ޝޯވތައް ކުރިއަށް ގެންދިއުމަކީ އީދުގެ ފޯރިގަދަވެގެންދާ ކަމެކެވެ. އެހެންކަމުން މިފަހަރުގެ ބޮޑުއީދުގެ ފޯރި ގަދަކޮށް މަޖާ ނަގަން ބޭނުންވާނަމަ ދައުވަތު ދީގެން ގެންނަންވީ ސްޓޭޖްމަތި ފަޅުފިލުވާލައި އެންމެންގެ ތަރުހީބު އޮހޭނެ ފަދަ ތަރިންނެވެ. އެގޮތުން މިފަހަރުވެސް އެންމެ ފޯރިގަދަ ޝޯވ ތަކެއްދޭނީ މި ފަންނާނުން ކަމަށް ގަބޫލުކުރެވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ