މަޖިލީހުގެ ޖަލްސާއެއްގައި ޢަބްދުﷲ ޖާބިރު - ފޮޓޯ: މަޖިލިސް

ރާއްޖޭގައި ކެސިނޯ އެޅުމަށްޓަކައި މަޖިލީހަށް ޤަރާރެއް ހުށަހަޅަނީ

ރާއްޖޭގައި ކެސިނޯ އެޅުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހެޅުމަށް ކާށިދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު ޢަބްދުﷲ ޖާބިރު ނިންމަވައިފިއެވެ.

ޖާބިރު ވިދާޅުވީ ރާއްޖޭގައި ކެސިނޯ އެޅުމަށްޓަކައި މާދަމާ މަޖިލީހަށް ގަރާރެއް ހުށަހަޅާނެ ކަމަށާއި، ރާއްޖޭގައި ކެސިނޯ އެޅުމުން އާމްދަނީގެ ގޮތުގައި ހަ ބިލިއަން ޑޮލަރު މަހެއްގެ މައްޗަށް ލިބިގެންދާނެ ކަމަށެވެ. އޭގެތެރެއިން ދެ ބިލިއަން ޑޮލަރަކީ ސީދާ ދަޢުލަތަށް ވަންނާނެ ފައިސާ ކަމަށް ޖާބިރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި މިފަދަ ކަމެއް ކުރަން ހުއްދަ ދިން ނަމަވެސް ދިވެހިންނަށް އެތަން ތަނަށް ވަނުމުގެ ހުއްދަ ލިބިގެން ނުދާނެ ކަމަށެވެ.

"ނުވަދެވޭނެ. ދިވެހިންނަކަށް އެތަނަކަށް ނުވަދެވޭނެ އެތަނުގައި ވަޒީފާވެސް ދިވެހިންނަކަށް އަދައެއް ނުކުރެވޭނެ. އެތަނަށް ވަދެވޭނީ ހަމައެކަނި ބޭރު މީހުންނަށް،" ޖާބިރު ވިދާޅުވިއެވެ.

ޢަބްދުﷲ ވިދާޅުވީ އެ އެއްޗެހިވެސް ވިއްކުމުގެ ހުއްދަ ދިވެހި ދަޢުލަތުން ދީފައިވަނީ ވަކި ޚާއްސަ އުޞޫލެއްގެ ތެރެއިން ކަމަށެވެ. އެގޮތުން ރާއްޖޭގައި ކެސިނޯ ހިންގުމުގެ ހުއްދަވެސް ދިވެހި ސަރުކާރުން ދޭނީ ވަކި ޚާއްސަ އުޞޫލެއްގެ ތެރެއިން ކަމަށް ޖާބިރު ވިދާޅުވިއެވެ.

"މިހާރުވެސް ރަލާއި އޫރު މަސް ވިއްކައެއް ނޫންތޯ. އެކަމަކު އެކަން ކުރަނީ ވަކި އުޞޫލެއްގެ ތެރެއިންނެއް ނޫންތޯ. ދިވެހި ދައުލަތުން އެކަމަށް ޚާއްސަ އުޞޫލުތަކެއް ކަނޑައަޅުއްވާފައި ހުރެއެއް ނޫންތޯ. ކޮންމެ ކޮންމެ ތަނެއްގައި އެކަމެއް ނުކުރެވެއް ނޫންތޯ. އެހެންވީމަ ކެސިނޯވެސް ހިންގޭނީ އެކަން ކުރެވޭނީ ދިވެހި ސަރުކާރުން ކަނޑައަޅާ ވަކި އުޞޫލެއްގެ ތެރެއިން،" ޖާބިރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ދިވެހި ދައުލަތަށް ބޮޑު ބުރައަކަށް ވާ ބަޔަކަށް ރައްޔިތުން މަޖިލީހުގެ މެންބަރުން ވެގެން ނުވާނެ ކަމަށެވެ. ޖާބިރު ވިދާޅުވީ މަޖިލިސް މެންބަރުން ވެގެން ވާނީ ދިވެހި ދައުލަތަށް އާމްދަނީ ވަންނާނެ ގޮތްތައް ހޯދައިދޭ ބަޔަކަށް ކަމަށެވެ. އަދި ދިވެހި ދައުލަތުގެ އިގްތިޞާދީ ދުވެލި މަޑު ޖެހޭނަމަ އެކަމުގެ ޙައްލުވެސް ހޯދައިދޭ ބަޔަކަށް ރައްޔިތުން މަޖިލީހުގެ މެންބަރުން ވެގެންވާން ޖެހޭނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ