އެފްރިކާ ކަޕް - ސަލާޙްގެ އެހީތެރިކަމާއެކު މިސްރު ގަދަ 16 އަށް

އެފްރިކާ ކަޕް އޮފް ނޭޝަންސްގައި ރޭ މިސްރު އަދި ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ދަ ކޮންގޯ ބައްދަލުކުރި މެޗުން، ސަލާޙްގެ އެހީތެރިކަމާއެކު މިސްރު މޮޅުވެ މުބާރާތުގެ ގަދަ 16 އަށް ދަތުރުކޮށްފިއެވެ.

2-0 ގެ ނަތީޖާއަކުން މިސްރު ކާމިޔާބުކުރި މިމެޗުގެ ދެލަނޑުވެސް ފެނިފައިވަނީ މެޗުގެ ފުރަތަމަ ހާފުގައެވެ.

25 ވަނަ މިނަޓްގައި މިސްރުގެ ފުރަތަމަ ލަނޑު ސަލާޙްގެ ހުރަހަކުން ކާމިޔާބުކޮށްދިނީ އެސްޓަންވިލާއަށް ކުޅެމުން އަންނަ އަޙްމަދު އެލްމުހަންމަދީއެވެ. މިސްރުގެ ދެވަނަ ލަނޑު މެޗުގެ 43 ވަނަ މިނަޓްގައި ފެނިގެންިދޔައިރު މިލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައިވަނީ މުޙައްމަދު ސަލާޙްއެވެ.

ރޭގެ މެޗުން ކޮންގޯ ބަލިވިނަމަވެސް ކޮންގޯގެ ފަރާތުން ވަރުގަދަ ކުޅުމެއްވަނީ ފެނިގެން ގޮސްފައެވެ. މިސްރު ކޮޅަށް އެތަށް ފަހަރަކު ނުރައްކާ ކުރިނަމަވެސް މެޗުގައި ސުން ކަނޑާލެވޭގޮތްވަނީ ނުވެފައެވެ.

ކޮންގޯ މިހާތަނަށް ކުޅުނު ދެމެޗުންވެސް ބަލިވެ އޮތީ ގްރޫޕް އޭ ގެ އެންމެ ފުލުގައެވެ.

މުބާރާތުގެ މިހާތަނަށް ކުޅުނު ދެމެޗުންވެސް މޮޅުވެ ދެވަނަބުރު ކަށަވަރުވެފައިވާ މިސްރު އެންމެ ފަހުން މިމުބާރާތް ކާމިޔާބުކޮށްފައިވަނީ 2010 ވަނަ އަހަރުއެވެ. އަދި 2017 ވަނަ އަހަރުގެ ފައިނަލްގައިވެސް މިސްރު ކުޅެފައިވެއެވެ.

ޖުމްލަ 6 ޕޮއިންޓާއެކު މިގްރޫޕްގެ އެއްވަނާގައި މިސްރު އޮތްއިރު ދެވަނާގައި 4 ޕޮއިންޓާއެކު އޮތީ ޔޫގެންޑާއެވެ. އަދި ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި މިސްރު ބައްދަލު ކުރަންޖެހޭނީ ޔޫގެންޑާއާއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ