އިންގްލިޝް ޕްރިމިއަރ ލީގުގެ 2020-21 ރޭ ފެށިފައިވާއިރު، ފުރަތަމަ މެޗުގައި ލިވަޕޫލްގެ ތަރި މުޙައްމަދު ސަލާޙް ހެޓްރިކެއް ހަދައިފިއެވެ.
ސަލާޙް ހެޓްރިކް ހަދާފައިވަނީ ރޭ ލީޑްސް ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު މެޗުގައެވެ. މިމެޗު ލިވަޕޫލްއިން ކާމިޔާބުކޮށްފައިވަނީ 4-3 ގެ ނަތީޖާއަކުންނެވެ. ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުގައި ލިވަޕޫލްގެ ކުޅުންތެރިއަކު މީގެކުރިން ހެޓްރިކް ހަދާފައިވަނީ މީގެ 31 އަހަރު ކުރިންނެވެ. އެއީ 1988-89 ސީޒަންގައެވެ. އެސީޒަންގައި ޖޯން އަލްޑްރިޖް ހެޓްރިކް ހަދާފައިވަނީ ޗާލްޓަންއާއި ދެކޮޅަށް ކުޅުނު މުބާރާތުގެ ފުރަތަމަ މެޗުގައެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ލަނޑު ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްފައިވަނީ ސަލާޙްއެވެ. މިލަނޑާއެކު ލިވަޕޫލަށް ލީޑު ލިބުނު ނަމަވެސް، ލީޑުސް ޔުނައިޓެޑުންވަނީ އޭގެ 08 މިނަޓްފަހުން ލަނޑެއްޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ޖެކް ހެރިސަން ކާމިޔާބުކުރި މިލަނޑަށްފަހު، ދެން ފެނިގެންދިޔައީ ލިވަޕޫލްއިން އަނެއްކާވެސް އިތުރު ލަނޑެއްޖަހައި އަލުން ލީޑު ނެގިތަނެވެ. މެޗުގެ 20 ވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑު ލިވަޕޫލަށް ކާމިޔާބުކޮށްދިނީ ވެންޑައިކެވެ. އަދި އޭގެ ދިހަ މިނަޓް ފަހުން ޕެޓްރިކް ބެމްފޯޑު ކާމިޔާބުކޮށްދިން ލަނޑަކާއެކު ލީޑްސް ޔުނައިޓެޑުން އަނެއްކާވެސް ނަތީޖާ ހަމަހަމަކުރިއެވެ.
ތިން މިނަޓްފަހުން ލިވަޕޫލުން އަނެއްކާވެސް އަލުން ލީޑު ނެގީ މުޙައްމަދު ސަލާޙް ކާމިޔާބުކޮށްދިން ލަނޑަކުންނެވެ. އަދި ފުރަތަމަ ހާފު ލިވަޕޫލްއިން ކުރީގައި އޮވެ ނިންމާލިއެވެ.
ދެވަނަ ހާފު ފެށިގެން ލަނޑެއް ނުފެނި ގިނައިރުތަކެއް ވުމަށްފަހު، ލީޑްސް ޔުނައިޓެޑުން ނަތީޖާ އަނެއްކާވެސް ހަމަހަމަކޮށްފައިވަނީ މެޗުގެ 66 ވަނަ މިނަޓްގައި ކްލިޗް ކާމިޔާބުކޮށްދިން ލަނޑުންނެވެ.
ލިވަޕޫލުން މޮޅުވި ލަނޑު މެޗުގެ 88 ވަނަ މިނަޓްގައި ފެނިގެންގޮސްފައިވާއިރު، ސަލާޙްގެ ފަރާތުން ފެނިގެންދިޔަ މިލަނޑަކީ މިމެޗުގެ އޭނާ ޖެހި ތިންވަނަ ލަނޑެވެ.
އާސެނަލްއިން ފަޞޭޙަކަމާއެކު ފުލްހާމްގެ މައްޗަށް ކުރި ހޯދާފައިފި.

ފުލްހާމްގައި ކުޅުނު މިމެޗު އާސެނަލްއިން ކާމިޔާބުކޮށްފައިވަނީ 0-3 ގެ ނަތީޖާއަކުންނެވެ. އާސެނަލްގެ ލަނޑުތައް ކާމިޔާބުކޮށްދީފައިވަނީ ލަކަޒެޓް އަދި ގޭބްރިއެލްގެ އިތުރުން އޮބަމަޔާންއެވެ. ރޭގެ މެޗަކީ ގެބްރިއަލް އާސެނަލްއަށް ކުޅެދިން ފުރަތަމަ މެޗެވެ.
ފްރާންސްގެ ލިލޭ ދޫކޮށް އުމުރުން 22 އަހަރުގެ ގެބްރިއެލް އާސެނަލްއާއި ގުޅުނީ މި ހިނގާ ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދުވަހުއެވެ. ރޭގެ މެޗުގައި އޭނާ ޖަހައިދިން ލަނޑާއެކު ކުޅުނު ފުރަތަމަ މެޗުގައި އާސެނަލްއަށް ލަނޑުޖަހައިދިން ތިންވަނަ ޑިފެންޑަރަކަށް ގެބްރިއެލްވަނީ ވެގެން ގޮސްފައެވެ. މިލިސްޓްގައި ދެން ހިމެނެނީ ސްޓީވް ބޫލްޑްއާއި ތޯމަސް ވަމައެލެންއެވެ.




